ENGLISH
27 އޭޕްރީލު 2026
މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފާހަގަކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި "ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ސްމޯލް ބްރާންޗަސް ވާރކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕް: ސްޓްރޯންގ އެންޑް ޖުރިސްޑިކްޝަންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެ މުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވި ކަމަށެވެ.
މި ވާރކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީ.ޕީ.އޭ އާއެކު ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެއިތުރުން، ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީ.ޕީ.އޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ބުނީ ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ނައިބުރައީސް ދެއްވާފައިވާކަމަށެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވަރކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވަރކްޝޮޕެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވާރކްޝޮޕްގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.