ENGLISH
27 އޭޕްރީލު 2026
ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތް ދަނީ ކުރިއަށް، ތަފްސީލުތައް ހާމަކުރާނެ: ރައީސް
27 އޭޕްރީލު 2026
|
އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެ ތަފްސީލުތައް ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރުވެސް ނުހުއްޓި ކޮންމެ ދުވަހަކު ކުރިއަށްދޭ އެބަ އެ މަސައްކަތް. އެ ޕްރޮސެސް ނިމުނީމަ ވަރަށް ގިނަ މީހުން ދޫކޮށްލެވޭނެ. އެ ތަފްސީލުތައް މި މަސައްކަތް ނިމުނުހާ އަވަަހަށް ހާމަކުރާނަން. ސަރުކާރުގެ ސައިޒް ކުޑަކުރުމުގެ މަސައްކަތް އެބަ ހިނގާ ވަރަށް ހަލުއި ދުވެލީގައި،" ރައީސް ވިދާޅުވި އެވެ.
މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ "ޕާފޯމެންސް ބޭސްޑް" ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތުގެ ޒިންމާ ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ކެބިނެޓުން ވަކިކުރި ކޮންމެ މިނިސްޓަރަކީ އެ ބޭފުޅެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް ދަށްވެގެން ވަކިކުރި ބޭފުޅެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެންނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި ބޭފުޅުންވެސް އެބަ ތިބި. އެހެންނަމަވެސް ސަރުކާރުގެ ސައިޒު ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،". ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ މި ބައްދަލުވުމުގައި ރައްޔިތުންނަށް ދެއްވާފަ އެވެ.