ENGLISH
27 އޭޕްރީލު 2026
ވެމްކޯގެ މަޝްރޫޢުތަކަށް ބޭނުންވާ މެޝިނަރީޒް ހޯދުމުގެ މަސައްކަތް ފަށައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް ބޭނުންވާ މުހިއްމު މެޝިނަރީޒް އާއި އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެމްކޯގެ ވޭސްޓް މެނޭޖްމެންޓް މަރުކަޒުތައް ޤާއިމުކުރުމަށާއި، ވެމްކޯގެ އިތުރު މަސައްކަތްތަކަށް މުހިއްމު މެޝިނަރީޒް އާއި އިކުއިޕްމެންޓް ބޭނުންވާ ކަމަށެވެ.
އެހެންކަމުން ވެމްކޯއަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"ވެމްކޯއަށް ބޭނުންވޭ ވަރަށް ގިނަ ތަކެތި. ވޭސްޓް މެނޭޖްމެންޓް މަރުކަޒުތައް ގާއިމް ކުރުމަށް. އަދި ވޭސްޓް މެނޭޖްމެންޓްގެ މަސައްކަތަށް. އެހެންކަމުން ވެމްކޯއަށްވެސް މިފަދަ މުހިއްމު މެޝިނަރީސް އާއި އިކުޕްމެންޓް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތްތަކެއް ފަށާފަ." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވެމްކޯގެ އިތުރުން ސަރުކާރުގެ އިތުރު އެސްއޯއީތަކަށް އިސްކަމެއް ދެއްވައިގެން އެކުންފުނިތަކުގެ މަސައްކަތްތައްވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މި ސަރުކާރުން ހަވާލުވި އިރު އެ ކުންފުނިތައް ދަރަނިވެރިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކުންފުނީގެ މަސައްކަތްތައްވެސް ރަނގަޅު ކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް އެއްފަހަރާ ގިނަ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީޒް، އާރުޑީސީއަށް ހޯއްދަވާ ދެއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ.
އާރުޑީސީއަށް ގެނައި މެޝިނަރީޒްތަކާ އެކު މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސޮލިއުޝަން (އައިޑީއެސް) އާއި އާރްޑީސީ އާ ދެމެދު ވެވުނު ފަހުމުނާމާގެ އެއްގެ ދަށުން އޭޕްރީލް މަހުގެ ދެ ވަނަ ދުވަހު ރާއްޖެއަށް ވަނީ އެއްފަހަރާ 230 މެޝިނަރީ ގެނެސްފަ އެވެ. މި އުޅަނދުތަކަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ކޮށްފަ އެވެ.