ENGLISH

27 އޭޕްރީލު 2026

Advertisement

21 ދުވަހުން 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި

27 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

އެކާވީސް ދުވަހުގެ ތެރޭގައި، މި ސަރުކާރުން، ޖުމުލަ 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނެވެ.

މި ހިނގާ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާފައިވާނީ، ޤައުމަށް ޑީފޯލްޓެއް ކުރިމަތިވިޔަ ނުދީ، ހަރުމުދަލެއް ވިއްކާނުލައި، ރަހުނެއް ދޫކޮށްނުލައި އަދި ބަދަލުގައި ކުރިން ރަހުނުކޮށްފައިހުރި ތަންތަން ސަލާމަތްކުރައްވައިގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"21 ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން ބިލިޔަނެއްހާ ޑޮލަރު މިވަނީ ދައްކާފައި. ދަރަނި ދައްކާފައި ރައްޔިތުންނަށް މީގެ އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ އެއްވެސް ހަރުމުދަލެއް، ރަހުނަކާއި ނުލައި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން މިވަނީ ސަލާމަތްކޮށްފައި. އެހެންވީމަ އިޤްތިޞާދު ރަންގަޅު ކުރަމުން އަޅުގަނޑުމެންގެ ދަރަނިތައް ދައްކަމުން މިދަނީ. ހަމައެކަނި ބޭރުގެ ދަރަނިއެއް ނޫން. އެތެރޭގައި ދަރަނިތައްވެސް މިދަނީ ދައްކަމުން. އެކި މީހުން ލައްވާ މަސައްކަތް ކުރުވާފައި ދައްކަމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން ނިމިދިޔަ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި ހިނގާ އެޕްރީލްމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، އެކި އެކި ލޯކަލް ވެންޑަރުންނަށް ދައްކަން ޖެހިފައި ހުރި 3,300 މިލިޔަން ރުފިޔާގެ ބިލުތަކަށް ވާ ފައިސާ ދައްކާ ޚަލާޞްކުރެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި މި މަހުގެ ބާކީ މި އޮތް ދުވަސްކޮޅުގައިވެސް، ލޯކަލް ވެންޑަރުންނަށް ދޭންޖެހޭ އިތުރު 260 މިލިޔަން ރުފިޔާގެ ބިލަށް ވާ ފައިސާ ދެއްކުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޭރާއި އެތެރޭގެ ދަރަނިތަކުން ޤައުމު ސަލާމަތްކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަނީ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނޭކަން ކަށަވަރުކުރައްވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު