ENGLISH
27 އޭޕްރީލު 2026
އައު މަގާމުތަކެއް ނުއުފައްދަން، ސަރުކާރުގެ ސައިޒް ކުޑަ ކުރުމުގެ މަސައްކަތް އެބަ ހިނގާ: ރައީސް
27 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި އެކަމުގެ ތަފްސީލުތައް ސަރުކާރުން އިއުލާނުކުރަމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިސްލާހީ ބަދަލުތަކުގެ ތެރެއިން ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރާއި ޠާރިޤު އިބްރާހީމާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ހާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވުމާއެކު އެ ވުޒާރާގައި އަލަށް މަގާމުތަކެއް އުފައްދާފައިވާކަމަށް ބައެއް ފަަރާތްތަކުން އަންނަނީ ބުނަމުން ނެވެ. މިކަން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ދޮގުކުރައްވާފަ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު ބައެއް މަގާމުތަކަށް އަދި މީހުން އައްޔަނުކުރެވިފައި ނުވާކަމަށެވެ. އެގޮތުން ހުސްވެފައިވާ ބައެއް ސަފީރުންގެ މަގާމުތައް ހުރިކަން ފާހަގަކުރައްވައި މީހުން އައްޔަނުކުރަމުން ދަނީ އެ މަގާމުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އިތުރު މަގާމެއް ނޫން. ހުސްވެފައި ހުރި ނުވަތަ އައްޔަނުކުރަން ވެފަިއ ހުރި މަގާމުތައް އެއީ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި އަދި ހަރަދު ކުޑަކުރުމުގެ މަސައްކަތްވެސް ވަރަށް ހަރުކަށިކަމާއެކު ތަންފީޒުކުރާނެ. އޭގެން ފުރަތަމަ ފިޔަވަހި އެއީ ވުޒާރާތައް މަދުކޮށް ވަޒީރުންގެ މަސްއޫލިއްޔަތުތައް އިތުރުކުރުމަކީ. ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތް ދަނީ ކުރިއަށް،". ރައީސް ވިދާޅުވި އެވެ.
އިދާރީ މަސައްކަތްތައް ނިމޭއިރު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެކަމަށާއި މިކަމުގެ ތަފްސީލުތައް މަސައްކަތް ނިމުމާއެކު ހާމަކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް ގެންނަމުންދާ ބަދަކުތަކުގެ ތެރެއިން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މަގާމުތައް ވަނީ ހުސްވެފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ސަފީރުކަމާއި އިނގިރޭސި ވިލާތުގެ ސަފީރުގެ މަގާމުގެ އިތުރުން ބެލްޖިއަމްގެ ސަފީރުގެ މަގާމު ހިމެނެ އެވެ.