ENGLISH
26 އޭޕްރީލު 2026
ކުދި ވިޔަފާރިތަކަށް 375 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
26 އޭޕްރީލު 2026
|
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 375 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ސަރުކާރުން މިހާތަނަށް 375 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
އެސްއެމްއީ ޑިޖިޓަލްއިން "އެމްއެމްޓީވީ"އާ ހިއްސާކޮށްފައިވަ މައުލޫމާތުތަކުން ދައްކާ ގޮތުގައި 17 ނޮވެމްބަރ 2023 އިން ފެށިގެން 15 އޭޕްރީލް 2026ގެ ނިޔަލަށް 575 ވިޔަފާރިއަކަށް 375 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
* ދަނޑުވެރިކަން: 6 މިލިޔަން ރުފިޔާ
* ވިޔަފާރި: 116 މިލިޔަން ރުފިޔާ
* އިމާރާތްކުރުން: 5 މިލިޔަން ރުފިޔާ
* މަސްވެރިކަން: 102 މިލިޔަން ރުފިޔާ
* އިންފޮމޭޝަން ޓެކްނޮލިޖީ: 6 މިލިޔަން ރުފިޔާ
* އުފެއްދުންތެރިކަން: 34 މިލިޔަން ރުފިޔާ
* ފަތުރުވެރިކަން: 81 މިލިޔަން ރުފިޔާ
* ދަތުރުފަތުރު: 21 މިލިޔަން ރުފިޔާ
އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، ވިޔަފާރި، ހިދުމަތް، އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހާއްސަ ލޯނު ސްކީމްތައް ހިމެނެ އެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިހާރު އަމާޒު ހިފާފައިވަނީ އެ އިދާރާގެ ހުރިހާ ހިދުމަތްތަކެއް އިސްލާމީ އުސޫލުތަކަށް ބަދަލުކޮށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއަށް ވުމެވެ.
މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ވޭތިވެދިޔަ ފަސް މަސް ދުވަސް ތެރޭގައި ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިން ފެސިލިޓީތަކެއް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ މުއައްސަސާއިން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. މިގޮތުން ބައެއް ފެސިލިޓީތައް މިހާރު ޝަރީއާ އުސޫލުން ރީފައިނޭންސް ކުރެވިފައިވާއިރު، ބާކީ ހުރި ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ދަނީ ކުރިއަށެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ހާމަކުރެ އެވެ.