ENGLISH
26 އޭޕްރީލު 2026
ށ. ގޮއިދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި
26 އޭޕްރީލު 2026
|
ގޮއިދޫ މަގުތައް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ށ. ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ގޮއިދޫ މަގުތައް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ
މި މަޝްރޫއުގެ ދަށުން ގޮއިދޫގައި ދިހަ މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ 5.45 ކިލޯ މީޓަރު ދިގު މިނެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ހެދުމާއި، ގާއެތުރުމާއި، ކާބް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
އާރުޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން މަގުގެ ބިންގަނޑު އެއްވަރުކޮށް ވަރުގަދަކުރުމާއި، ތާރު އެޅުމަށް ބޭނުންވާ ބޭސް ކޯސް ތައްޔާރުކުރުމާއި، ޕޭވްމަންޓް ނުވަތަ ހިނގާ މަގު ހެދުމާއި، މަގުގެ އަރިމަތީގައި ކާބް އެޅުމާއި، ތާރު އެޅުމުގެ އިތުރުން ޒިގްޒިގް ގާ އެތުރުން ހިމެނޭ ކަމަށެވެ.
އާރުޑީސީ އާ މި މަޝްރޫ ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭ ނިންމާ ގޮތަށް 72,622,762 ރުފިޔާ އަށެވެ.
މިދިޔަ އަހަރު އޮކްޓޫބަރ މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ، އެރަށަށް އެމަނިކުފާނު ވެ ވަޑައިގެންނެވި 12 ވައުދުފުޅު ފުއްދަވާ ދެއްވާނެކަމަށެވެ. އެގޮތުން އެ ދަތުރުފުޅުގައި އޭޓީމްގެ ހިދުމަތް ފައްޓަވައި ދެއްވި އެވެ. އަދި ޕޮލިސް ސްޓޭޝަން އާއި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވެ އެވެ.
ގޮއިދޫގެ ފެށިގެން ދިޔަ މަޝްރޫއުތައް ނިމި، އަވަސް ހިދުމަތްތަކެއް ލިބިގެން ދިއުމަކީ އެރަށު ރައްޔިތުން ކުރަމުން އަންނަ އުއްމީދެކެވެ. އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހަލުވިކަމާއެކު ކުރަމުންނެވެ.