ENGLISH
26 އޭޕްރީލު 2026
ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
26 އޭޕްރީލު 2026
|
ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ ތެރެއިން. ފޮޓޯ؛އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފި އެވެ.
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ބުނީ މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އެ ވުޒާރާގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. މާލެ ސަރަޙައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 13:00 އަށެވެ.
ވުޒާރާއިން ބުނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށެވެ.
ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުކަމަށް ވުޒާރައިން ވަނީ ހަމަޖައްސާފަ އެވެ.
ސިޓީތަކާއި ރަށްރަށަކަށް ޢަދަދު ކަނޑައަޅަނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުން ނެވެ. ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް ވުޒާރާއިން ބުނެ އެވެ.
ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން 2004 ވަނަ އަހަރު މި އެހީ ތަޢާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ރާއްޖެއަށް މެދުކެނޑުމެއް ނެތި ކަދުރު ހަދިޔާކުރަމުންދާކަން ފާހަގަކުރެވެ އެވެ. ސައުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާ ކުރައްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.