ENGLISH
26 އޭޕްރީލު 2026
ކަރަންޓު ވިއުގަތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފި
26 އޭޕްރީލު 2026
|
މަގުކޮނުމުގެ ތެރެއިން ކޭބަލްއަކަށް ގެއްލުންވެފައި. ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
ބިން ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.
އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ޚިދުމަތަށް ބުރޫއެރުމާ ގުޅިގެން ނެރުނު ބަޔާނުގައި ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ޚިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިކަން ވަނީ ފާހަގަކޮށްފަ އެވެ.
ސްޓެލްކޯއިން ބުނީ މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަމަށެވެ.
"ފާހަގަކޮށްލެވޭ ގޮތުގައި، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި އެވެ. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެ ގެއްލުން މި ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ،". ބަޔާނުގައި ވެއެވެ.
މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ގެއްލުން ލިބުނު ކޭބަލްގައި ޓޭޕް އޮޅާފައި. ފޮޓޯ: ސްޓެލްކޯ
ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައިކަން ފާހަގަކޮށް ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން ސްޓެލްކޯއަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.