ENGLISH
25 އޭޕްރީލު 2026
މާލޭގެ މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތްކުރުން ރައީސް ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި
25 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރުމުން، އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފި އެވެ.
މޭޔަރު އާޒިމަށް އަމާޒުވި ހަމަލާއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި ޢިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަމަށެވެ.
"މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަރުއްވައެވެ." ބަޔާނުގައި ތަފްސީލުކޮށްފައިވެއެވެ.
ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ.
މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އޭގެ އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ހާދިސާ ހިނގާދިޔަފަހުން މިހާތަނާޖެހެންދެންވެސް އެއްވެސް ރަސްމީ ފަރާތަކުން، އެހެނީ އެމް.ޑީ.ޕީ.ގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާކަމާމެދު ހިތާމަކުރައްވާކަމަށާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށް ވުމުގެ އިތުރުން، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން އެބޭފުޅުން ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަޙުޤީޤުކުރައްވަމުންކަމަށެވެ.