ENGLISH
25 އޭޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަކަށް ސިނާން، 58 އިންސައްތަ މީހުން ވޯޓު ލި
25 އޭޕްރީލު 2026
|
ކޮންގްރެސް ޕާޓީގެ ޓިކެޓް ކަށަވަރުކުރި އަދި ދާއިރާ ކުރިން ތަމްސީލުކުރެއްވި މެމްބަރު މުޙައްމަދު ސިނާން
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޓިކެޓް އެ ދާއިރާ ކުރިން ތަމްސީލު ކުރެއްވި މެމްބަރު މުޙައްމަދު ސިނާން ކަށަވަރުކުރައްވައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން އަދި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ސިނާނަށް ލިބިވަޑައިގެންނެވީ 226 ވޯޓެވެ. ސިނާނާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ:
މުޙައްމަދު ސިނާން - 59 ވޯޓު
އަހްމަދު ސައީދު - 37 ވޯޓު
ބާތިލު ވޯޓު - 7
ޖުމްލަ ވޯޓު - 103
ހިތަދޫ އުތުރު ދާއިރާގެ އައްޑޫ ފޮށީގެ ނަތީޖާ:
މުޙައްމަދު ސިނާން - 167 ވޯޓު
އަހްމަދު ސައީދު - 150 ވޯޓު
ބާތިލު ވޯޓު - 2
ޖުމްލަ ވޯޓު - 319
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީގައި އެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 58 އިންސައްތަ މެމްބަރުން ނުކުމެ ވޯޓުލާފައި ވެއެވެ.
މި ޕްރައިމަރީގައި 727 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. ކޮންގްރެސް ޕާޓީގެ އިންތިހާބީ ކޮމިޓީގެ މުގައްރިރު އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރުމުގެ ރޫހު ޕާޓީ ތެރޭގައި ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.
"މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 727 މެމްބަރުންނަށް ލިބިދިން އިރު އޭގެ ތެރެއިން 422 މެމްބަރުން ވަނީ ވޯޓު ލާފައި. އެއީ 58 އިންސައްތައަށްވުރެ ބޮޑު އަދަދެއް. ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ބަލާއިރު މިއީ ވަރަށް ރަނގަޅު އަދަދެއް،". ޝަކީލް ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ