ENGLISH

26 އޭޕްރީލު 2026

Advertisement

ކުޅުދުއްފުށީގެ މަގުތައް ތަރައްގީ ކުރުމުގެ ތިން ވަނަ ފިޔަވަހީގެ ސާވޭގެ މަސައްކަތް ކުރިއަށް

25 އޭޕްރީލު 2026

|

ފާތުމަތު އަދާ

3 ވަނަ ފިޔަވަހީގެ ސާރވޭގެ މަސައްކަތް ކުރަމުން ދަނީ/ ފޮޓޯ:އާރްޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގެ މަގުތައް ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި ސާރވޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އާރްޑީސީން ބުނީ ތިން ވަނަ ފިޔަވަހީގެ ދަށުން 3.4 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކޮށް ސިޓީގެ ނުހަދާހުރި ހުރިހާ މަގެއް ޑިޒައިން ކުރެވިގެންދާނެއެވެ.

މި މަޝްރޫއަކީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށް 100.4 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފޭސް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން  މިދިޔަ އަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައެވެ. 

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް ފެސިލިޓީއެއް އެޅުމަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލްކޮށްފައެވެ. އަދި އަސާސީ ކާނާގެ ބާވަތްތައް ޑިއުޓީއަކާ ނުލައި ތާޒާކަންމަތީ ގުދަންކުރެވޭނެ ބޮންޑެޑް ޒޯނެއް އެ ރަށުގައި ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު