ENGLISH
25 އޭޕްރީލު 2026
ހަމަލާ ދިނީ ސަރުކާރުންނޭ ބުނުމަކީ ދަށުދަރަޖައިގެ އަމަލެއް، އެދިވަޑައިގަތުމުން ފުލުހުންގެ ހިމާޔަތް ލިބޭނެ: ތަރުޖަމާނު
25 އޭޕްރީލު 2026
|
ސަރުކާރުގެ ތަރުޖަމާނު މުންދު
އެންމެ މަޤްބޫލު
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ވަރަށް ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މާލޭގައި މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް ދެ މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެގަނެ އާޒިމަށް ހަމަލާދޭން އުޅެފަ އެވެ.
މުޒާހަރާ ނިންމާލުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ވަނީ އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"މުޒާހަރާގެ ތެރެއިން ގުރޫޕަކުން އައިސް އަޅުގަނޑު މޭމަތީގަ ޖެހީ. ދެން އެވަގުތު ކައިރީގަ ތިބިމީހުން އަޅުގަނޑަށް ހިމާޔަތްދިން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ ސަރުކާރުން ރާވައިގެން ކުރިކަމެކޭ،". އާޒިމް ވިދާޅުވި އެވެ.
މި ހަމަލާ ކުށްވެރި ކުރައްވައި "އެމްއެމް" ޓީވީއަށް މައުލޫމާތުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބޭފުޅުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ އެދިވަޑައިގެންފި ނަމަ ފުލުހުންގެ ހިމާޔަތް މޭޔަރަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ޗެކް ކޮށްލިން ފުލުހުންގެ އިދާރާ މި ހާދިސާއާ ގުޅިގެން. އެ ހާދިސާއާ ގުޅިގެން އެމްޑީޕީއަކުން ވެސް މާލެ ސިޓީ ކައުންސިލުން ވެސް އަދި އަމިއްލަފުޅު ހައިސިއްޔަތުން ވެސް މިހާތަނަކަށް މި މައްސަލަ ކަމާ ބެހޭ އެއްްވެސް އިދާރާއަކަށް ހުށަހަޅުއްވާފައެއް ނުވޭ. މިއީ ޒިންމާދާރު ގޮތެއް ނޫން. ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް ރިޕޯޓުކުރަން ވާނެ،". ތަރުޖަމާނު ވިދާޅުވި އެވެ.
ސަރުކާރުން ދިން ހަމަލާއެކޭ އާޒިމް ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ތަރުޖަމާނު ވިދާޅުވީ އެއީ ކޮންގޮތަކުން މައުލޫމާތު ލިބިވަޑައިގެން އާޒިމް ދެއްކެވި ވާހަކަފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ތިއީ ދޮގު ވާހަކަފުޅެއް. މަނިކުފާނަށް ތިކަން ސާބިތު ނުކޮށްދެވޭކަމަށް ވާނަމަ ދޮގުހެދުން އެއީ ރަނގަޅު ގޮތެއް ނޫން. ދޮގު ހަދައިފި ނަމަ އަޅުގަނޑު ޖަވާބު ދޭނަން. އަދި ދަށުދަރަޖައިގެވެސް ކަމެެއް. ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން ކުރުން އެހާ ރަނގަޅު ކަމެއް ނޫން. އަދި އެބޭފުޅާއަށް އެއްވެސް މީހަކު ހަމަލާއެއް ދީގެން ނުވާނެ،". ތަރުޖަމާނު ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.