ENGLISH
25 އޭޕްރީލު 2026
ތެލެސީމިއާ ކުދިންތަކެއް ގައަށް ކުނިވެފައިވާ ލޭ އެޅި ވާހަކައަކީ ދޮގެއް؛ ކަން ހިނގި ގޮތް ސާފުކޮށްދީފި
25 އޭޕްރީލު 2026
|
ސިއްހީ މިންގަނޑުތަކަށް ބަލާއިރު ކުދިންގެ ގައަށް އެޅީ ކުނިވެފައިހުރި ލެއެއް ނޫން
އެންމެ މަޤްބޫލު
ތެލެސީމިއާ ސެންޓަރުގައި ފަރުވާ ހޯދަމުންއައި ތިން ކުއްޖެއްގެ ގައަށް ކުނިވެފައިވާ ލޭ އަޅާފައިވާކަމަށް ބައެއް މީޑިޔާއިން ފަތުރަމުންދަ ހަބަރަކީ ދޮގެއް ކަމަަށާއި، ނަމަވެސް ލޭ އެޅުމުގައި މޯލްޑިވްސް ބްލަޑް ސާވިސަސްއިން ގެންގުޅޭ މިންގަނޑާ ހިލާފަށް އަމަލުކުރެވުމުގައި އިހުމާލުވި މުވައްޒަފާމެދު އިދާރީ ފިޔަވަޅު އަޅާފައިވާކަމަށް އެ ސަވިސަސްއިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭޕްރީލް 19، 2026 ވަނަ ދުވަހު ލޭ ރައްކާކުރާ ފްރީޒަރަކަށް މައްސަލައެއް ދިމާވިކަމަށެވެ. އެގޮތުން އެ ދުވަހުގެ ރޭގަނޑު 21:00 ގައި ބްލަޑް ސާވިސަސްގެ ހިދުމަތް ދީ ނިންމަައި، މަރުކަޒު ބަންދުކުރި ފަހުން، ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ބައިނަލްއަގުވާމީ މިގަނޑުތަކާ އެއްގޮތަށް ހުރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ތަހުލީލުތައް ހަދައި ކްރޮސްމެޗް ނިންމައި، ލޭ ރައްކާކުރުމަށް ބަހައްޓާފައިވާ ދެ ފުރީޒަރުން އެއް ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.
އެކަން އެނގުނީ އެރޭ 22:11 ހާއިރު ލޭ ރައްކާކުރާ ފްރީޒަރުގައި ހަރުކޮށްފައި ހުންނަ ފިނިހޫނުމިން ބަލާ ނިޒާމުގެ އެލާޓް ސިސްޓަމުން އެލާޓް މެސެޖެއް ލިބުމުންނެވެ. މި އެލާޓް ފަސް މުވައްޒަފަކަށް ލިބުމުން ތިން މުވައްޒަފުން އެތަނަށް ހާޒިރުވެ އެ ފްރީޒަރުގައި ހުރި ލޭ ޕެކެޓުތަކުގެ ތެރެއިން 12 ޕެކެޓު ސްޓޭންޑްބައި ފްރީޒަރަށް ބަދަލުކުރިއެވެ.
މިފަދަ ޓެކްނިކަލް މައްސަލައެއް ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ މެޑިކަލް ގްރޭޑް މެޝިންތަކާއި އިކުއިޕްމެންޓުތަކަށް ދިމާވުމުން އަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްްގޮތަށް، އޭޕްރީލު 20، 2026 ވަނަ ދުވަހުގެ ހެނދުނު ފްރީޒަރުގެ އިންޓާނަލް ސިސްޓަމުގައި ރެކޯޑުކުރެވިފައިވާ ފިނިހޫނުމިނުގެ ރެކޯޑުތައް ބެލުމާއި، އަދި އެނޫންވެސް ކޮންމެހެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ޓްރާންސްފިއުޝަންއާަ ގުޅޭ ކޮލިޓީ މިންގަނޑުތައް ހިފަަހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ ކޮލިޓީ އިންޝުއަރޭންސް ޑިޕާޓުމެންޓުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރި ކަމަށްވެސް ބްލަޑް ސާަވިސަސްއިން ބުނެފައިވެއެވެ.
ފްރީޒަރުގެ ފިނިހޫނުމިން އާއްމުކޮށް ބަަހައްޓަންޖެހެނީ 2 ޑިގްރީއާއި ހަ ޑިގްރީއާ ދެމެދުގައެވެ. އެ ސާވިސަސްއިން ހާމަކުރި ގޮތުގައި އެ ފްރީޒަަރުގެ ފިނިހޫނުމިން 11 ޑިގްރީއަށް އެރިއެވެ. އެ މިންވަރަށް އެފިނިހޫނުމިން ހުރީ ކިހާއިރަކުކަން ބެލުމަށް މަސައްކަތްކުރި ނަމަވެސް އެ މައުލޫމާތު ދެނެގަނެވިފައިނުވެއެވެ.
ސިއްހީ މިންގަނޑުތަކަށް ބަލާއިރު ފްރީޒަރަށް މައްސަލައެއް ދިމާވެއްޖެނަމަ ދިހަ ޑިގްރީއަށްވުރެ މަތިނުވާނެހެން ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާއެކު ލޭ ޕެކެޓުތައް ފްރީޒަރުގައި ބެހެއްޓޭނެކަން ފާހަގަކުރަމުން ބްލަޑް ސަވިސަސްއިން ބުނީ، އޭޕްރީލު 19 ވަނަ ދުވަހު ފްރީޒަރު ހުރި ތަނަށް މުވައްޒަފުން އެޓެންޑުވާން ނެގި ވަގުތާއި ފްރީޒަރުގެ ފިނިހޫނުމިނުގެ ލޮގްތަކުން ނެގިފައިހުރި މައުލޫމާތަށް ބަލާއިރު އެ ފްރީޒަރުގައި ހުރި ލެޔަކީ ތަޣައްޔަރުވެފައި ހުރި ނުވަތަ ކުނިވެފައި ހުރި ލޭގެ ގޮތުގައި ސިއްހީ މިންގަނޑުތަކަށް ބަލާއިރު ނުބެލެވޭނެ ކަމަށެވެ. އަދި ފިނިހޫނުމިނާމެދު ސުވާލެއް އުފެދޭ ހާލަތުގައި ލޭ ނާޅަނީ އެންމެ މަތީ ފެންވރުގައި ގައަށް އަޅާ ލޭގެ ކޮލިޓީ ހިފަހެއްޓުމަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް ފްރީޒަރަށް ދިމާވި މައްސަލައާ ގުޅިގެން ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަަން ބަލަމުންދަނިކޮށް، އޭޕްރީލު 20 ވަނަ ދުވަހު ލޭ އެޅުމަށް ތެލެސީމިއާ ސެންޓަރަށް އައި ތިބި ތިން މީހެއްގެ ގައަށް ހެނދުނު ވަގުތު ލޭ އެޅިކަން އެ ދުވަހު ހެނދުނު 9:30 ހާއިރު އެ ސެންޓަރުގެ ސަމާލުކަމަށް އައިސްފައިވެއެވެ. އެކަން ފާހަގަވީ ލޭ އަޅައި ނިމުނު ފަހުންނެވެ. އެއާއެކު ލޭއެޅުމުގައި ޝާމިލުވާ މުވައްޒަފުން ދެނެގަނެ، އެކަމުގައި އެމީހުން އިހުމާލުވިތޯ ބެލުމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތަހުގީގު ޓީމެއް އެކުލަވައިލާ އެ މަސައްކަތް ހަމަ އެ ދުވަހު ފެށިއެވެ.
އަދި ލޭ އެޅުމުގެ ކަންކަމާ ހަވާލުވެ ހުރި މުވައްޒަފު އެކަމުގައި އަންގަންޖެހޭ މައުލޫމާތުތައް އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުވުމާ ގުޅިގެން އޭޕްރީލު 23 ވަނަ ދުވަހު ތަހުގީގުގެ ބޭނުމަށް އެ މުވައްޒަފު އޮފީހަށް ހާޒިރުވުން މަނާކޮށް ސަސްޕެންޑުކުރެވުނެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބާކީހުރި ނުވަ ޕެކެޓު ލޭ ނޭޅުމަށް ނިންމިއެވެ. އަދި ބަލުގައި އައު ލޭ ޕެކެޓު އޭގެ ވެރި ފަރާތްތަކަށް ހޯދައިދެވުނެވެ. އަދި ތިން މީހެއްގެ ގައަށް ލޭ އެޅިފައިވާތީ އެއިން އެކެއްގެ ގައަށް ލޭ އެޅުމަށް ބޭނުންކުރަންޖެހޭ ދެ ޕެކެޓުން އެއް ޕެކެޓުގެ ލޭ އެދުވަހު އަޅާފައިނުވެއެވެ. އަދި އެއަށްފަހު އެކަން މެދުވެރި މީހުންނަށް ކަންކަން ހިނގި ގޮތުގެ ތަފުސީލު މައުލޫމާތުވަނީ ފޯރުކޮށްދީފައެވެ.
އަދި 20 އޭޕްރީލުވަނަ ދުވަހުގެ މެންދުރު ވަގުތެއްގައި ތެލިސީމިއާ ބަލިމީހުން ތިބޭ ވައިބާ ގްރޫޕުގައި މޯލްޑިވްސް ބްލަޑް ސާވިސަސްއިންވަނީ މިފަދަ ކަމެއް ހިނގިކަން ހާމަކޮށް އެކަމަށް މައާފަށް އެދުމާއެކު، ދެން އެފަދަ ކަމެއް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ދީފައެވެ. އޭގެ ފަހުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމުކޮށްގެން ބްލަޑް ސާވިސަސްއާއި ލޭ އެޅުނު ތިން މީހުންގެ އާއިލާއާއެކު ބައްދަލުވުމެއް ބާއްވައި، އެ މީހުންނާ ތެދު ސައްހަ މައުލޫމާތު ހިއްސާކޮށް އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވެއެވެ.