ENGLISH
25 އޭޕްރީލު 2026
ނަފްސާނީ ހާލަތެއް ތަހައްމަލު ކުރާނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފި
25 އޭޕްރީލު 2026
|
ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން. މި ހިދުމަތް 24 ގަޑި އިރު ލިބޭނެ
އެންމެ މަޤްބޫލު
ނަފްސާނީ ގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ ލަސްނުކޮށް އެހީތެރިކަން ހޯދުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާއިން ގޮވާލައްވައިފި އެވެ.
މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައި ވުޒާރާއިން ބުނީ ނަފްސާނީ ގޮތުން ދަތި އުނދަގޫ ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތެއް ނަމަ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން (Psychological First Aid) ލިބިގެންދާނެކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއްކަން ޤަބޫލުކޮށް، ވުޒާރާއިން ދަނީ ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދެވޭނެ، ހަރުދަނާ ނިޒާމެއް ބިނާކުރުމުގައި އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވުޒާރާއިން ވަނީ އަރުވާފަ އެވެ. ވުޒާރާއިން ވަނީ އެންމެން ގުޅިގެން ރައްކާތެރި އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައްވާފަ އެވެ.
ވުޒާރާއިން ވަނީ މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތުތަކަކީ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި، ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަންކަން ފާހަގަކޮށް ނާޒުކު ވަގުތުތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި، ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ޢާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.
އަދި އޭގެ ބަދަލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރެއްވުމަށްވެސް ގޮވާލި އެވެ.