ENGLISH
24 އޭޕްރީލު 2026
މަސްވެރިންނަށް މިއަދު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
24 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 53 ދޯންޏަކަށް 5 މިލިއަން ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޕްރީލް 22 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 5،273،863ރ. (ފަސް މިލިއަން ދެ ލައްކަ ހަތްދިހަ ތިންހާސް އަށް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ) އެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 50 ދޯންޏަކަށް 5،184،478ރ. (ފަސް މިލިއަން އެއްލައްކަ އަށްޑިހަ ހަތަރު ހާސް ހަތަރު ސަތޭކަ ހަތްދިހަ އަށް ރުފިޔާ) ދީފައިވާއިރު، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޏަކަށް 5،260ރ. (ފަސް ހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 12 ދޯންޏަކަށް 84،125ރ. (އަށްޑިހަ ހަތަރު ހާސް އެއްސަތޭކަ ފަންސަވީސް ރުފިޔާ) ޖަމާކޮށްދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.
ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާ
އެއަށްފަހު ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު މި ބަދަލާއެކު މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެފައިވެއެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މުހިއްމު ނިންމެވުންތަކެއް ނިންމަވާ، އެ ނިންމެވުންތައް ތަންފީޒުކުރަން ފެށި އަހަރެކެވެ. މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށީ ޖަނަވަރީ މަހުއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވައުދުފުޅެކެވެ. ޖަނަވަރީ 11 ވަނަ ދުވަހު މިފްކޯއިން ކިރުވަން ފެށީ 15 ކިލޯއަށްވުރެ މަތީ ކަންނެއްޔެވެ. އޭގެ ފަހުން އެ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިންވަނީ 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލިވެސް ކިރުވަން ފަށާފައެވެ. މިފްކޯ އިން މިހާރު ބޮޑުކަންނެލި ގަންނަނީ 25 ރުފިޔާގެ ރޭޓުންނެވެ.
މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށި މުޅި ދުނިޔޭގައިވެސް ތެޔޮ ލިބުން ދަތިވެ ތެޔޮގެ އަގު ވަރަށް ބޮޑަށް އުފުލިފައިވަނިކޮށް މިދިޔަ ދުވަސްތަކުގައި ހެޔޮ އަގުގައި މަސްދޯނިތަކަށް މިފްކޯ މެދުވެރިކޮށް، ސަރުކާރުން އަންނަނީ ތެޔޮ ފޯރުކޮށްދެމުންނެވެ.