ENGLISH
24 އޭޕްރީލު 2026
ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރަނީ
24 އޭޕްރީލު 2026
|
ޢަބްދުއްރައްޒާޤް ޙަލީމް -- ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
އެންމެ މަޤްބޫލު
ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓިވީ އަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހައިބްރިޑް ކެތު ލެބު ޤާއިމްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި އިތުރު ކެތްލެބެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިކެތުލެބުވެސް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން މިހާރު ހުންނަ ކެތުލެބުގައި ސިންގަލް ޕްލޭނަރ އެއް ހުރިނަމަވެސް، ދެން ތަރައްޤީ ކުރާ ކެތް ލެބްގައި ބައިޕްލޭނަރއެއް ބަހައްޓާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޢަބްދުއްރައްޒާޤް ޙަލީމް އިތުރަށް ވިދާޅުވީ ކެތް ލެބް ގާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މެޝިންތައް ގެނެސް އިންސްޓޯލް ކުރުމަށްފަހު، މިއަހަރުގެ ތިން ވަނަ ކުއާޓާގައި އައު ކެތް ލެބްގެ ބޭނުން ކުރަން ފެށޭނެކަމަށެވެ. މީގެ އިތުރަށް ފާހަގަކުރެއްވީ އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ކެތުލެބް އަޕްގްރޭޑް ކުރަން ޖެހޭކަމެވެ.
"ރޫމް އިންނާނީ ރެޑީގައި. މެޝިން ބަހައްޓަން ޖެހޭނީ. އެތަނަށް މި ގެންނަނީ ބައިޕްލޭނަރ އެއް. ކުރިއަށް އޮތްތަނުގައި ސްޕައިން ސާޖަރީތައް ސިކުނޑީގެ ސާޖަރީތައް ހެދުމަށް ފަސޭހަވެގެންދާނެ" - މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް
ރާއްޖޭގައި ކެތް ލެބްތައް ގާއިމް ކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.
ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ކެތު ލެބު ޤާއިމްކޮށްފައިވަނީ އެހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގަ އެވެ. އެތަނުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި ނިއުރޯ ސަރޖިކަލް، އެންޑޯވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތްތައް ހިމެނެ އެވެ.
މި ކެތު ލެބާއެކު، ސިކުނޑީގެ ލޭހޮޅި ބެދުމުން ކަފާނުލައި އެހޮޅި ހުޅުވާލުމާއި، ސިކުނޑީގެ ޓިއުމަރ ލޭ ސަޕްލައިއާ ގުޅުންހުރި ނާރުގެ ފަރުވާއާއި ހިތުގެ އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވެ އެވެ.