ENGLISH
18 އޭޕްރީލު 2026
އިންތިހާބަށްފަހު ރައީސް ގެންނަވާ ބަދަލުތަކާމެދު މާޔޫސްވާންޖެހޭނެ ސަބަބެއް ނެތް: ޝިޔާމު
18 އޭޕްރީލު 2026
|
ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލު އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް ގެންނަވަމުންދާ ބަދަލުތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުން މާޔޫސްވާންޖެހޭނެ ސަބަބެއް ނެތްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ރަސްދޫއަށް ރައީސް ޑރ.މުޢިއްޒު މިއަދު ކުރައްވަމުންދާ ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެ ރަށަށް ވަޑައިގެން އެ ރަށުގައި ހުންނަވާ އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޝިޔާމު ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އެ އިންތިހާބުން ޕީއެންސީ ފާސްވި ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ރައްޔިތުން ދިން މެސެޖު ގަބޫލުކުރައްވައި އެއާ އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ޝިޔާމު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ބުނެދޭ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ރައީސް ފައްޓަވައިގެން ކުރިއަށްގެންދަވާ މަސައްކަތަކީ ރައްޔިތުންގެ މެސެޖާ އެއްގޮތަށް ގެންނަންވީ އިސްލާހުތައް ގެންނެވުން ކަމަށެވެ.
"ފުރަތަމަ ކަމަކީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ވޯޓެއް ނޫން އެއްކަމަކަށް. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވައި ނޫނީ އިންތިގާލީ ސަރުކާރެއް އެކުލަވައިލާ، އަޅުގަނޑަށް ހީވަނީ އިންތިހާބުގެ ނަތީޖާވެސް މާބޮޑަށް އެބޭފުޅުން ބައްލަވަނީ. ކުރިން ދެންނެވިހެން ސިޔާސީ މަންފާއެއް ހޯދޭތޯ ބައްލަވަނީ،" ވަޒީރު ވިދާޅުވިއެވެ.
ޝިޔާު ވިދާޅުވި ގޮތުގައި ވެރިކަމުގައި އޮތް ޕާޓީއަކުން މިހާތަނަށް ލޯކަލް ކައުންސިލު އިންތިހާބެއްގައި ނުނެރޭ ވަރުގެ ރަނގަޅު ނަތީޖާއެއް މި އިންތިހާބުގައި ޕީއެންސީން ހޯދާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރު ހިންގުން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް އެކުލަވައިލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރަށް ރައީސް ގެންނަވަމުންދާ ބަދަލުތަކަކީ ރައްޔިތުން އެދޭ ގޮތަށް ސަރުކާރު ހިންގުމަށްޓަކައި ގެންނަވަންޖެހޭ ބަދަލުތަކެވެ. އެ ބަދަލުތަކުގެ ސަބަަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެ ރަނގަޅުވެގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުން ސްޓްރީމްލައިންވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.