ENGLISH
17 އޭޕްރީލު 2026
ސަރުކާރުން ކަންކަން ކޮށްދެނީ ރައްޔިތުންދޭ ވޯޓަށް ބަލައިގެނެއް ނޫން: މުއްތަލިބް
15 އޭޕްރީލު 2026
|
މިނިސްޓަރ މުއްތަލިބް މިއަދުގެ މަޖިލިސް ޖަލްސާގައި. ފޮޓޯ؛ މަޖިލިސް
އެންމެ މަޤްބޫލު
މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެނީ ރައްޔިތުންދޭ ވޯޓަށް ބަލައިގެން ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިހާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށް ވިދާޅުވި އެވެ.
ވަޒީރުވަނީ މިހާރު އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކަށް އެއްވެސް މަޑުޖެހުމެއް ނައިސް ހިނގަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެެވެ.
"ސަރުކާރުން މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުން ވޯޓެއް ދިނީމައި ވޯޓަށް މަސައްކަތް ފަށާފައި ވޯޓަށް މަސައްކަތް ނިންމާގޮތަކަށް ނޫނޭ. މިސާލަކަށް ދަންނާވާނަމަ ތ.ގާދިއްފުށީގައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް އިންތިހާބު ނިމުމާއެކު ހުއްޓަލާފައިވާކަމަށް ބުނެ ވާހަކަ ދެއްކި. އެރަށު ކައުންސިލުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުމާ ގުޅިގެން. އެރަށުން އެންމެ ގޮނޑިއެއް ވެސް ނުލިބެ ސަރުކާރަކަށް އެކަމަކު ބިން ހިއްކުން އެދަނީ ބާރު މިނުގައި ކުރިއަށް. ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން ކޮށްދޭނީ ވޯޓަށް ބަލާފައެއް ނޫނޭ،". މިނިސްޓަރު ވިދާޅުވި އެވެ.
ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް އެ ރަށެއްގައި އޮންނަ ކައުންސިލެއްގެ ސަބަބުން ކުރިއަށްގެންދިއުމުގައި ދަތިތަކާ ދިމާވާ ކަން ފާހަގަކުރައްވަމުން މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ކައުންސިލުތަކުން ވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ގާދިއްފުށީގެ ބިން ހިއްކައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި މަޝްރޫޢުގެ ދަށުން ގާދިއްފުށިން ޖުމްލަ 21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި އަލަށް ހިއްކާ 11 ހެކްޓަރުގެ ބިން ހިމެނެ އެވެ.
މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ މައްސަލައާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށް ސަރުކާރުން އުއްމީދުކުރެ އެވެ.