ENGLISH

15 އޭޕްރީލު 2026

Advertisement

ދަސްވެނިންގެ އަތްމައްޗަށް ދޫކޮށްލެވުނީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ އިލްމީ އަމާނާތެއް: ސީޕީ

14 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

މިއަދު ހާސިލްކުރި ސަނަދަކީ ހަމައެކަނި ވަޒީފާގެ ކުރިއެރުމަށް ލިބުނު ފުރުސަތެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަސްވެނީންގެ އަތްމައްޗަށް ދޫކޮށްލެވުނު "އިލްމީ އަމާނާތެއް" ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސީން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އިން ހިންގި މުހިންމު ދެ ކޯހަކުން ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ސީޕީގެ ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ ދަށުން ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ފަހިކޮށްދެއްވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިހުސާން، ފުލުހުންގެ ތައުލީމީ ގާބިލްކަން އިތުރުކުރުމަށް ބަހައްޓަވާ ފަރުވާތެރިކަމަށްޓަކައި ވެސް ޝުކުރު އަދާކުރެއްވި އެވެ.

ކޮލެޖުގެ އިސްވެރިންނާއި މުދައްރިބުން ކުރައްވާ މުހިންމު މަސައްކަތް ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"މި ކޮލެޖްގެ ހިންގުން ހަރުދަނާކޮށް، ދަރިވަރުންނަށް އެންމެ ފަހުގެ އިލްމާއި ހުނަރު އުނގަންނައިދިނުމުގައި ކޮލެޖްގެ އިސްވެރިންނާއި، މުދައްރިސުން އަދި ހުރިހާ ސްޓާފުން ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް، އެ ބޭފުޅުންނަށް ޝުކުރު އަދާކުރަން." ސީޕީ ވިދާޅުވިއެވެ.

ސީޕީ އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ، ހާސިލްކުރި ތައުލީމާއި ހުނަރުގެ ބޭނުން ހިފައިގެން، ޖިނާއީ މައްސަލަތައް ކާމިޔާބުކަމާއެކު ތަހުގީގު ކުރުމުގައާއި ރައްޔިތުންނަށް އަމާން މުޖުތަމައެއް ހޯދައިދިނުމުގައި ދަސްވެނިން ސާބިތުވެ ތިއްބެވުމަށް އިސްތިމާސްކުރައްވާކަމަށެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި "ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން" އަދި "ޑިޕްލޮމާއިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް" ކޯސް ނިންމި ޖުމްލަ 91 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ. މީގެ ތެރެއިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުން އެއްވަނަ ހޯދީ ޕޮލިސް ސަރޖަންޓް ފާޠިމަތު ރަމްލާ ޙުސައިން އެވެ. އަދި ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް ކޯހުން އެއްވަނަ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަރިޔަމް ސަނާ އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާން އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު