ENGLISH
20 އޭޕްރީލު 2026
އެމްޑީޕީން ޤާނޫނަށް އިސްލާހު ހުށަހެޅީ ޑީލެއްގެ ތެރެއިން މަންފާތަކެއް ލިބޭގޮތަށް: މެމްބަރު މުސްޠަފާ
14 އޭޕްރީލު 2026
|
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް. ފޮޓޯ: މަޖިލިސް އިދާރާ
އެންމެ މަޤްބޫލު
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހަކީ ޑީލެއްގެ ތެރެއިން އެމްޑީޕީއަށް މަންފާތަކެއް ލިބޭގޮތަށް ހުށަހަޅާފައިވާ އިސްލާހެއްކަމަށް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް އެވެ.
އެއްގަމު ދަތުރުފަތުރު ކުރުމުގެ ބިލަށް އިސްލާހު ހުށަހެޅުމުގެ މަގުސަދަކީ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުތައް މިހާރުވެސް ތާޑް ޕާޓީ އިންޝުއަރެންސް ކުރަން ލާޒިމުކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ބިލު ހުށަހަޅުއްވަމުން މެމްބަރު ވަނީ ވިދާޅުވެފަ އެވެ.
މިއަދު ކުރިއަށްދިޔަ މި ދައުރުގެ ހަތް ވަނަ ޖަލްސާގައި މެމްބަރު ވަނީ އިދިކޮޅު އެމްޑިޕީން މަސައްކަތް ކުރަމުންދަނީ ބޭކާރު ކަންކަން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މެމްބަރުންގެ އަގު ހުރި ވަގުތުތައް ނަގާލައި މަޖިލީހުގެ މަސައްކަތްތަކަށް ބުރޫ އަރުވަންކަމަށް ތުހުމަތު ކުރައްވާފައެވެ.
"މިހާރު އިއްޒަތްތެރި ރައީސް މި ފެށިގެން ދިޔައީ މުޅިން އައު ބާބެއް. އެއީ އިރުއިރުކޮޅާ ކޮންމެވެސް ގާނޫނެއްގެ ކޮންމެވެސް ތަންކޮޅަކަށް ކޮންމެވެސް އަކުރަކަށް ބަދަލުގެނައުމަށް އިސްލާހެއް ހުށަހަޅައިގެން މަޖިލީހުގެ އަގުހުރި ވަގުތުތައް ނަގާލުމަށް މަސައްކަތްކުރަމުންދާ ބާބު. އެކަން މިއަދު ވެސް ފެނިގެން މިދަނީ،." އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ މިފަދަ ބިލެއްގެ ބޭނުމަކީ ރައްޔިތުން "ފެލާލުން" ކަމަށެވެ.
"މި ބިލުން ހަމައެކަނިކޮށްދޭ ކަމަކީ ރައްޔިތުން ތާޑް ޕާޓީ އިންޝުއަރެންސް ނެގުމަށް 200 ރުފިޔާ ދައްކަމުންދާތީ އެކަމާ ކަންބޮޑުވެގެން މި ބުނަނީ އެގޮތް ކަމަކު ނުދާނެއޭ. ރައްޔިތުން ދައްކަންޖެހޭނެއޭ 1،500 ރުފިޔާ. މިއުޅެނީ ރައްޔިތުންގެ އަނގަޔާއި އަތާއި ދިމާނުވެގެން. ދުއިސައްތަ ރުފިޔާ ދައްކައިގެން ވެހިކަލް ދުއްވާތީ އެކަން މަނާކޮށްފައި މި މަޖުބޫރުކުރަނީ 1،500 ދައްކަން. ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް އަކަށް ދާން މި މަޖުބޫރު ކުރަނީ،". ތަފްސީލުކޮށްދެއްވަމުން މެމްބަރު ވިދާޅުވި އެވެ.
މިހާރުވެސް ރާއްޖޭގައި 190،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްތްރީކޮށްގެން ދުއްވާއިރު އިންޝުއަރެންސް ކުންފުންޏަށް މިހާރު ދުއިސައްތަ އައްޑިހަ ފަސް މިލިއަން ރުފިޔާ ނުވަތަ ތިންސަތޭކަ މިލިއަނެްްހާ ރުފިޔާ ލިބޭކަމަށް އަންދާޒާކުރެވޭކަމަށާއި މިފަދަ އިސްލާހެއް މިއަދު އެމްޑީޕީން ހުށަހެޅީ މި ފައިސާގެ ތެރެއިން 10 އިންސައްތަ އެމްޑީޕީން ބޭނުންވާތީ ކަަމަށް މެމްބަރު ތުހުމަތު ކުރެއްވި އެވެ.
"މިކަހަލަ ޑީލެއްގެ ތެރެއިން ހުށަހެޅުނު އިސްލާހެއް މިއީ،". މެމްބަރު ވިދާޅުވި އެވެ.
މިގޮތަށް އެމްޑީޕީން ހުށަހަޅާ ކަންކަން ބަލައިނުގަތުމަށް މެމްބަރުންނަށް އިލްތިމާސްކުރައްވައި މެމްބަރު ވަނީ މަޖިލީހުގެ އަގު ހުރި ވަގުތުތައް ބޭކާރު ނުކުރުމަށް އެމްޑީޕީއަށް ވެސް ގޮވާލައްވާފަ އެވެ.