ENGLISH

14 އޭޕްރީލު 2026

Advertisement

ރާއްޖޭގައި ދަރަނީގެ ޙާލަތު ނެތުމަކީ އިންވެސްޓަރުންނަށް ލިބިގެންދާ އިތުބާރެއް: ވަޒީރު ސަޢީދު

14 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު، ނުވަތަ 8 ބިލިއަން ރުފިޔާ މި ސަރުކާރުން ދެއްކުމަކީ ރާއްޖޭގައި މިހާރު ދަރަނީގެ ޙާލަތު ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށާއި، އެއީ އިންވެސްޓަރުންނަށް ވެސް ލިބިގެންދާ އިތުބާރެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިދިޔަ ހައެއްކަ އަހަރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖޭގެ ސްކޫކު މި އޭޕްރީލް މަހު އަދާކުރަންޖެހުން ޖެމަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އުފެއްދި އެ ބޮޑު ދަރަނި ދެއްކޭނެތޯ ސުވާލުއުފެއްދި ކަމަށާއި، ރާއްޖެއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ދުނިޔޭގައިވެސް އެންމެ ކަންބޮޑުވި މައްސަލައަކީ އެއީކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބޮޑު ދަރަންޏެއްގައި ރާއްޖެ އޮތުމުން، މި ފަހުން އަވައްޓެރި ސްރީ ލަންކާއަށް ދިމާވި އިޤްތިޞާދީ ނިކަމެތި ޙާލަތު ރާއްޖެއަށް ކުރިމަތިވެދާނެކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ބުނަމުންދިޔަ ކަމަށެވެ.

މިއަދު ދަރަނީގެ ޙާލަތު ރާއްޖޭގައި ނެތްކަމަށާއި، އެ އަޑު އިވެން އެންމެ ބޭނުންވާ ދިވެހި ރައްޔިތުންނަށް މިހާރު އެކަން ސާފުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ދަރަނީގައި ރާއްޖެ ނެތުމުގެ އަޑު ދެން އަހަން ބޭނުންވާނީ އިންވެސްޓަރުން ކަމަށާއި، އިންވެސްޓަރުންނަށް މިހާރު އެ ޔަގީންކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި އިންވެސްޓްކުރުމަށްޓަކައި ތައްޔާރަށް ތިބި އެތައް ބަޔަކު، ކޮމްޕެނީތަކެއް ނުވަތަ ފަރާތްތަކެއް. އެފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ޔަގީންކަމެއް އެއީ ރާއްޖެއާ ދޭތެރޭގައި. އަދި އޭގެ އިތުރަށް ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއްވެސްމެ. އޭގެތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި އަދި ދިވެހި ވިޔަފާރިތައްވެސް ހިމެނޭނެ. އެހެންވީމަ ޖުމްލަކޮށް ރާއްޖެ ބަނގުރޫޓު ނުވެ، ނުވަތަ އަދާކުރަންޖެހޭ ބޮޑު ދަރަންޏެއް އެ އޮތް ތާރީޚުގެވެސް އެއް ހަފްތާ ކުރިން އަދާކުރެވުނު ކަމަކީ މިއަދު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމިޔާބީ" ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ގުޅިފައި އޮންނާނީ ޤައުމެއް އޮންނަ ދަރަނީގެ ޙާލަތަށް ކަމަށެވެ. ހަނގުރާމައިގެ މި އުނދަގޫ ދަނޑިވަޅުގައިވެސް ރާއްޖޭން ބޮޑު ދަރަންޏެއް އަދާކުރުމާއެކު ބޭރުގެ މަޤްބޫލު ނޫސްތަކުގައި އެކަން ފާހަގަކުރިކަން ވަޒީރު ވިދާޅުވިއެވެ. މިގޮތުން، އެތައް މިލިއަން ބަޔަކު ކިޔާ ނޫސްތަކުގައި ހާމަކޮށްފައި އޮތީ، އުނދަގޫ ދަނޑިވަޅުގައި ބޮޑު ދަރަންޏެއް ރާއްޖެފަދަ ކުޑަ ޤައުމަކުން އަދާކުރުމަކީ ކާމިޔާބީއެއްގެ ގޮތުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މުސްތަގްބަލްގަ ރާއްޖެއަށް ފައިސާ ފޯރުކޮށްދޭ ބޭންކުތަކާއި، ފައިނޭންޝިއަލް އިންސްޓިޓިއުޝަންސްތަކާއި އަދި މާލީގޮތުން އެކިއެކި ބާޒާރުގައި އުޅޭ އެކިއެކި ޕްރޮޑަކްޓްސް ދިވެހިރާއްޖެއަށް ޔަގީންކަމާއެކު އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ހަމަގައިމުވެސް ކުރިމަގަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެއްގެ ގޮތުގައި ސްކޫކް އަދާކުރުން ވެގެންމިދިޔައީ" ވަޒީރު ވިދާޅުވިއެވެ. 

އެމްޑީޕީގެ ވެރިކަމުގައި ނެގި ބޮޑު ދަރަނި އަދާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބީކަންވެސް ވަޒީރު މުޙައްމަދު ސައީދު ފާހަގަކުރެއްވިއެވެ.  

ކިޔުންތެރިންގެ ހިޔާލު