ENGLISH
14 އޭޕްރީލު 2026
ތާރީހުތަކާއެކު ވަޒީރު ދެއްވެވީ އަސާސީ ތަކެތި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން
14 އޭޕްރީލު 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހަނގުރާމައިގެ މި ޙާލަތުގައި އެ ވުޒާރާގެ މަސައްކަތްތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވާނީ، ބާޒާރުގައި ހުރި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"މިނިސްޓްރީގެ މަސައްކަތުގެ ބޮޑުބައި، ހަނގުރާމަ ދުނިޔޭގައި ހިނގަމުންދާ މި ޙާލަތުގައި. ޚާއްޞަކޮށް މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ޙާލަތުގައި ވަރަށް ބޮޑަށް އަޅުގަނޑުމެން މި ގެންދަނީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާ އެކިއެކި ބާވަތްތައް ބާޒާރުގައި ދަތިނުވެ ލިބެން ހުންނާނެކަން ޔަގީންކުރަމުން" ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ރާއްޖެ އަންނާނެކަމަށް މިހާރު ކަނޑައަޅާފައިވާ ތާރީހުތައް އިއުލާނުކުރައްވައިފައެވެ.
އެސްޓީއޯއިން ދީފައިވާ މަޢުލޫމާތާ ޙަވާލާދެއްވައި ވަޒީރު ސައީދު ވިދާޅުވީ، އޭޕްރީލް 20، މެއި 8، މެއި 26 އަދި ޖޫން 14 ވަނަ ދުވަހު ޕެޓްރޯލް ޝިޕްމަންޓްތައް ރާއްޖެ އަންނާނެ ކަމަށެވެ. ހަމަ އެގޮތަށް ޑީސަލް ޝިޕްމަންޓުތައް އޭޕްރީލް 17، އޭޕްރީލް 30، މެއި 7 އަދި މެއި 15 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމެނޭ ހަނޑު، ފުށް އަދި ހަކުރު ހިމެނޭ ޝިޕްމަންޓުތައް ރާއްޖެ އަންނާނީ އޭޕްރީލް 14، 16، 26 އަދި 28 ވަނަ ދުވަހު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރުމުގައި ދިމާވަމުން އަންނަ ގޮންޖެހުންތަކާ ގުޅޭގޮތުން ވަޒީރު ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ އިންސައްތަވެސް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޖަނަވަރީ 1 އިން ފެށިގެން މާރިޗު 25 އާ ހަމައަށް 13.6 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓްކުރިއިރު، މިއަހަރުގެ އެ މުއްދަތުގައި 16.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ، 19 އިންސައްތައިގެ ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެކި ސަބަބުތަކާ ގުޅިގެން އަވައްޓެރި ސްރީ ލަންކާގެ ޕޯޓުގައި ތާށިވެފައި ހުރި ކޮންޓެއިނަރުތައް ވެސް ގެނައުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ ލަންކާގައި 4241 ކޮންޓެއިނަރު ހުރިއިރު، މިހާރު ދަތުރުފަށާ ބޯޓުތައް އައުމުން 1741 ކޮންޓެއިނަރަށް މަދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު، ތާށިވެފައި ހުރި ކޮންޓެއިނަރުތައް އާއްމު ޙާލަތަކަށް ގެނެވޭނެކަން ވަޒީރު ހާމަކުރެއްވިއެވެ.
މީގެކުރިން ރާއްޖެ ދަތުރުނުކުރާ ބައެއް ފްލައިޓްތައް ފެށުމާއެކު އެއަރ ކާގޯގައި ވެސް ކުރިއެރުންތަކެއް ލިބެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.