ENGLISH

14 އޭޕްރީލު 2026

Advertisement

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަންކޮށްފި

14 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓުމެންޓުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އައްޔަންކޮށްފިއެވެ. 

ފަހުމީއަކީ މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެ މަގާމުގައި ހުންނެވުމަށްފަހު އެ މަގާމުން ވަކިކުރެއްވުމަށްފަހު ފަހުމީ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާަމަށެވެ. 

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީވަނީ އެ މަގާމުގައި ހިދުމަތްކުރެއްވުމަށް ފުރުސަތު ދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފަހުމީވަނީ އެ މަަގާަމުގައި ހުންނެވިއިރު އޭނާގެ ދަށުން ރައީސް އޮފީހުގައި މަސައްކަތްކުރެއްވި އިސްވެރިންނާއި މުވައްޒަފުން ރައީސް އޮފީސް ކުރިއެރުވުމަށް ކުރެއްވި މަސައްކަތް ފާަހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. 

ޕްރައިވަޓައިޒޭޝަަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި އެމްޑަބްލިއުއެސްސީގެ ބޯޑު މެންބަރުކަމަށާއި، މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ އައްޔަންކޮށްފައިވާކަން އިއުލާނުކޮށްފައިވެއެވެ. އެ މަގާމަށް ފަހުމީ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ބޯޑު މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަން ހުސްވެފައިވަނިކޮށެވެ. 

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވާ ފަހުމީއަކީ ސްޓެލްކޯގައި މަތީ ފަންތީގެ މަގާމުތަކުގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު އަދި ތައުލީމީ ގާބިލު ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު