ENGLISH

14 އޭޕްރީލު 2026

Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ޙަވާލުވާ މުވައްޒަފުންނަށް ޗުއްޓީއެއް ދެނީ

14 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓާ ކުދިންގެ ބެލެނިވެރިކަމާ ޙަވާލުވާ ސިވިލް ސަރވިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ޤަވާއިދު އިޞްލާޙުކޮށްފިއެވެ. 

ސިވިލް ސަރވިސް ޤަވާއިދަށް ގެނައި އިޞްލާޙުގައި ވަނީ، ފޮސްޓަރ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޗުއްޓީ ދެވޭނެ ކަމަށެވެ. 

މުވައްޒަފުންނަށް ޗުއްޓީ ދޭނެ ގޮތުގެ ތަފްޞީލު ވެސް އިޞްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

  • އުމުރުން 6 މަސް ނުފުރޭނަމަ 6 މަސް ވަންދެން ޗުއްޓީ ލިބޭނެ.
  • އުމުރުން 6 މަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ.
  • އުމުރުން 6 މަސް ފުރިފައިވާނަމަވެސް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ.

މިއިން ކޮންމެ ޗުއްޓީއެއްގައިވެސް މުސާރައާއި އިނާޔަތްތައް ލިބޭނެއެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ވެލެނިވެރިކަމާ ޙަވާލުވާ މުވައްޒަފުންނަށް ޗުއްޓީއެއް ދޭގޮތަށް ޤަވާއިދު އިޞްލާޙުކުރިއިރު، ކުދިންނާ ޙަވާލުވާ އާއްމު ފަރާތްތަކުގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، 5000 ރުފިޔާ މަހަކު ލިބޭ ޚާއްޞަ އެލަވަންސެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. 

ޚާއްޞަ ޗުއްޓީއާއި އެލަވަންސްގެ އިތުރުން، ވިހައިގެން ދަރިފުޅަށް ދެ އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ބްރޭކެއް ދިނުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން މިގޮތަށް ލުއި ދީފައިވަނީ ދަރިފުޅަށް އެއް އަހަރު ވަންދެންނެވެ. މި ލުއި ވެސް ހަމަޖައްސާފައިވަނީ މުސާރައާއި އެލަވަންސްތައް ހިމަނައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު