ENGLISH
14 އޭޕްރީލު 2026
އަޙްމަދު މޫސާގެ މައްސަލަ އިސްތިއުނާފު. ޕާސްޕޯޓް ހިފަހައްޓައިފި
14 އޭޕްރީލު 2026
|
އަޙްމަދު މޫސާގެ މައްސަލަ އިސްތިއުނާފު ކޮށްފައިވާއިރު އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި --
އެންމެ މަޤްބޫލު
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް، ހައިކޯޓަށް ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލަ ނިންމީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ބުނީ އެ ކޯޓްގެ ނިންމުން މި މަހުގެ 10 ވަނަ ދުވަހު ހައިކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި މި ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން، މިއަދު އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.