ENGLISH

13 އޭޕްރީލު 2026

Advertisement

ދެ ހަފްތާ ތެރޭ އިތިއޯޕިއަން އެއާލައިންގެ ޚިދުމަތް ރާއްޖެއަށް ފަށަނީ

13 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް. ފޮޓޯ: އިތިއޯޕިއަން އެއާލައިންސް

ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖެއަށް އިތިއޯޕިއަން އެއާލައިންގެ ދަތުރުތައް ފަށާނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އިތިއޯޕިއަން އެއާލައިން އާއެކު އެއަރ ސާވިސް އެގްރިމެންޓް ހެދިގެންދާނެ ކަމަށާއި، އެއާއެކު އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބެލާވިއާ އެއާލައިންގެ ދަތުރުތައް ވެސް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިއަށް އޮތް ދެހަފްތާ ތެރޭގައި އެއަރ ސާވިސް އެގްރިމެންޓް އިތިއޯޕިއާ އެކު ކުރެވޭނެ. އެއީ ވަރުގަދަ އެއަރލައިނެއް ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުންދާ. އެކަންތައްވެސް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. 1 އޯގަސްޓްއިން ފެށިގެން ބެލާވިއާ އެއަރލައިންސް ދަތުރުތައް ފަށާނެ. މޯލްޑިވިއަން އޮސްޓްރޭލިއާ ދަތުރުތައްވެސް ފެށިގެންދާނެ. ގުޅިގެން ކުރާ މަސައްކަތްތަކުގެ ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުންދޭ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އައު އެއާލައިންތަކުގެ އިތުރަށް މިހާރު ދަތުރުކުރާ އެއާލައިންތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަަން ފާހަގަކުރައްވައި މިނސްޓަރު އިތުރަށް ވިދާޅުވީ، މެދުއިރުމައްޗަށް ވައިގެ ދަތުރުތައް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން އީޑްލްވައިސް އެއަރއޭޝިއާ އެއާ އިންޑިއާ އަދި ޓާކިޝް އެއަރލައިންގެ ޝެޑިއުލް ދަތުރަތައް އިތުރު ކުރެވުނުކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމަތީގައި ހިނގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށެވެ. އެހެންނަމަވެސް، އެކަންކަމުން އަރައިގަތުމަށް ގުޅުންހުރި އިދާރާތަކުން މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު