ENGLISH

15 އޭޕްރީލު 2026

Advertisement

ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ރައްޔިތުންނަށް ވިސްނައިދިނީ ކޮރަޕްޝަން "ވަރިހަމަ" ކަމަށް: މެންބަރު ސަލީމް

13 އޭޕްރީލު 2026

|

ޢަލީ ޝަހީމް

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ސަލީމް ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން އޭޕްރީލް ހަތަރު ވަނަ ދުވަހު ނެގި އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ވިސްނައިދިނީ ކޮރަޕްޝަން "ވަރިހަމަކުރުން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، އެ ކެމްޕޭނުގައި އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންނަށް ވިސްނައިދެމުންދިޔައީ އިންތިޚާބުތައް ގިނަވެއްޖެ ނަމަ ލިބޭ "ފައިސާކޮޅު" ގިނަވާނެކަން ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓުގަ ރައްޔިތުންނަށް ވިސްނައިދިނީ ކޯއްޗެއްތޯ؟ ލިބޭ ފައިސާ މަދުވާނޭ. ވިސްނާލަބަލަ ކޮންކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟. ގިނަ އިންތިޚާބު ބޭއްވީމާ ލިބޭ ރިޝްވަތު ގިނަވާނޭ. މިއީތޯ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ؟. މިކަހަލަ ނުބައި ހުރިހާ މަގަކަށް ކަންކުރުމަށްޓަކައި އޭގެ ނަސޭހަތް މިދެނީ" އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވިއެވެ. 

އެގޮތަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ފަހު އެމްޑީޕީން މިހާރު ޤަބޫލުކުރަނީ 2028 ގެ އިންތިޚާބު ކާމިޔާބުވުން ކަމަށް ސަލީމް ވިދާޅުވިއެވެ. އެކަމަކު އެގޮތަށް ދޫނުދެއްވާނެ ކަމަށާއި، އެމްޑީޕީގެ 12 މެންބަރުންނަށް ދޫނުދީ ދެން މަސައްކަތްކުރާނީ "ގަދަކޮށް" ކަމަށް މެންބަރު ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ވެރިިކަމަށް ދަހިވެތިވެފައިވާ ބައެއްކަމަށް ވިދާޅުވެ، ފްލެޓް ދިނުމުގައި އެމްޑީޕީން ކަންކުރި ގޮތަށް ސަލީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

ސަލީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގައި އެޅި ހިޔާ ފްލެޓްތައް އެމްޑީޕީ ވެރިކަމަށް އައިސްފައި ބަހާލީ ކަމަށާއި، ހިޔާ ފްލެޓްތަކުގައި ކުއްޔަށް މީހުން ދިރިއުޅެން ޖެހުނީ އެހެންވެ ކަމަށެވެ. ޙައްގުވެރިންނަށް ފްލެޓްތައް ދިންނަމަ އެކަން އެގޮތަށް ނުހިނގީސް ކަމަށް ސަލީމް ވިދާޅުވިއެވެ. 

މި ސަރުކާރު ވެރިކަމާ ޙަވާލުވެ 4000 ފްލެޓް ދޫކުރަން ބެލިއިރުވެސް، ފްލެޓްތައް ދީފައި ހުރީ އެގޮތަށް ކަމަށް ސަލީމް ތުހުމަތުކުރެއްވިއެވެ. 

ރާއްޖޭގައި އެންމެ ފުރަތަމަ ފްލެޓް އެޅުމާއި، ލާމަރުކަޒީ ނިޒާމް ގެނައީ އެމްޑީޕީން ކަމަށް ވަކާލާތުކުރިޔަސް، އެކަން އެންމެ ފުރަތަމަ ކުރެއްވީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި، އެމްޑީޕީން އުޅެނީ އެފަދަ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލަން ކަމަށް ސަލީމް ވިދާޅުވިއެވެ. 

ސަލީމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށާއި އެއްވެސް ކަމަކީ ވަގުތުން ނިމެނޭ ކަމެއް ނޫން ކަމަށެވެ. ކަންކަން ތަރުތީބުކުރެވިގެން ތަރައްޤީގެ މަޝްރޫޢުތައް ނިންމާނެކަމުގަ ޔަގީންކަން ސަލީމް ވަނީ ދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު