ENGLISH
13 އޭޕްރީލު 2026
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކުރަނީ
13 އޭޕްރީލު 2026
|
މީހަކު ލޭ ހަދިޔާކުރަނީ ...
އެންމެ މަޤްބޫލު
ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށް ހާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ލޭގެ ހިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގަ އެވެ.
މެމްބަރަށް ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ލޭގެ ބަލިތަކަށް ޚާއްޞަ ކުރެވިގެން ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމުގެ މި މުހިންމު ވަޢުދުފުޅުގެ ދަށުން، ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ގާއިމްކޮށް، ދިވެހިރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކޮށް، މިއަދާ ހަމައަށް ނިންމާލެވިފައި ވާކަމަށެވެ. އަދި ތެލަސީމިއާ ކުދިންނާއި އަދި އެ ނޫންވެސް ސިއްހީ ބައެއް ބޭނުންތަކަށް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޅުމުގެ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންގެ ވަޒީފާ ހަމަޖައްސައި، ލޭ އެޅުމަށް ބޭނުންވާ ލެބޯރެޓަރީ ހިދުމަތްތައް ޖުމްލަ 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުގެ ގޮތުގައި ގާއިމްކޮށް، ރަށުގައި ތިބެގެން އަދި ކައިރި ރަށްރަށުގެ ހޮސްޕިޓަލްތަކާއި އަދި ސިއްޙީ މަރުކަޒުތަކަށް ދަތުރުކޮށް ލޭ އެޅުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމު ގާއިމުކުރެވިފައި ވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން ލޭ އެޅުމާއި ލޭ ހަދިޔާ ކުރުމުގެ ކަންކަން ހަމަޖެއްސުން މުހިންމު ކަމަށެވެ. އެހެންވެ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު އެކުލަވާލައި ނިންމާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތަކީ، ކަމާ ގުޅޭ ބައިނަލްއަޤްވާމީ ފެންވަރުގެ މާހިރުންނާ އަދި ދިވެހިރާއްޖޭގައި ތިއްބެވި ކަމާ ގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެހެންމެ ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ލޭގެ ޚިދުމަތުގެ މުހިއްމު ތަފާސްހިސާބުތައް ފެންނާނެހެން ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަށް ފަރުމާކުރެވި ލޭ ދޭ ފަރާތްތައް ގިންތި ކުރެވި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
"ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ތެލަސީމިއާ ކުދިންގެ ޤައުމީ ދަފްތަރުގައި ވަންގަވް މެދުވެރިކޮށް ރަޖިސްޓްރީ ވުމާއި އަދި ރަޖިސްޓްރީ ބެލެހެއްޓުން 2026 ޖެނުއަރީ މަހު ފެށިފައި ވެއެވެ. އަދި، ކުރިޔަށް ޕްލޭން ކުރެވިފައި ހުރި މުހިންމު ޕްރޮޖެކްޓްތަކުގެ ތެރޭގައި ނުހަނު އިސްކަމެއް ދޭންޖެހިފައިވާ ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓަރ މިވަގުތު ބަލަހަށްޓަމުން އަންނަ މެނުއަލް ސިސްޓަމުން އޮންލައިން އިންފޮރމޭޝަން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި ޑޯނަރ ރަޖިސްޓްރީ އާއި ޑޯނަރ ރެކްރޫޓްމަންޓް ޕޯޓަލް ވެބްސައިޓާއެކު ޚާއްސަ އެޕްލިކޭޝަނެއް މިހިނގާ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ވަނީ ކަނޑައެޅިފައެވެ،". ވަޒީރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ލޭ ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކުރުމުގެ ބޭނުމަކީ، ލޭ ދިނުމަށް ތައްޔާރު ވެފައިވާ ފަރާތްތަކުގެ ޑޭޓާ ބޭސްއެއް ވުޖޫދު ވުމުން ލޭ ހޯދުމުގައި ދިމާވަމުން އަންނަ ދަތިތަކަށް، ވަށާޖެހިފައިވާ ހައްލެއް އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިގެން ދިޔުންކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.