ENGLISH
13 އޭޕްރީލު 2026
ފީއަލީ އަލިފާނުގެ ހާދިސާ: ކައުންސިލުން އެދުނީ ތަހުގީގު އަވަސްކޮށްދިނުމަށް
13 އޭޕްރީލު 2026
|
ފުލުހުންނާއެކު ކައުންސިލުން ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
އެންމެ މަޤްބޫލު
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް އެ ރަަށު ކައުންސިލުން ފުލުހުންގެ ކިބައިން އެދެފި އެވެ.
ކައުންސިލުން މިގޮތަށް އެދުނީ ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން ފުލުހުންގެ ވަފުދަކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.
ފީއަލީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ.
މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ފުލުހުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރި އެވެ.
މީގެއިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލި އެވެ.
ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ. ހާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރި އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފަ އެވެ.
ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.