ENGLISH
13 އޭޕްރީލު 2026
ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަން މިއަދު ހަވީރާ ހަމައަށް!
13 އޭޕްރީލު 2026
|
ރީ-ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ހަ ގަޑި އިރުގެ މުއްދަތެއް ވަނީ ދީފައި.
އެންމެ މަޤްބޫލު
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވޯޓުލާ ދާއިރާތަކަށް ރީ-ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވަނީ ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ. މާވަށް، އަދި ފުވައްމުލައް ސިޓީގަ އެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު، މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ކޮމިޝަނުން ބުނީ މި އިންތިޚާބުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ރަޖިސްޓަރީ ވެފައިވާނީ މާލެއަށް ކަމަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، ހއ.ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަން، ލ.މާވަށް، ފުވައްމުލައް ސިޓީ، ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މިހާރު ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހޭނެ އެވެ. 'މައި ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ އެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އިލެކްޝަން ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒުން މައުލޫމާތު ސާފުކުރެއްވޭނެ އެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414އަށް ގުޅައިގެން ވެސް މަޢުލޫމާތު ސާފުކުރެއްވޭނެ އެވެ. މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ އެވެ. ރަޖިސްޓްރީވެފައިވާ ވޯޓުފޮށީގެ މައުލޫމާތު (VR space IDNO Send to 1414) މެސެޖްކޮށްގެން ނުވަތަ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ރަޖިސްޓްރީ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެކަމަށް އީސީން ބުނެއެވެ. މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޢާންމުކުރެވިފަ އެވެ.
ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.