ENGLISH
26 އޭޕްރީލު 2026
"ގާލްސް އިން އައިސީޓީ" ދުވަސް ފާހަގަކުރުމަށް މައިންޑްކޯ އިން މަޝްވަރާ ބައްދަލުވުމެއް
26 އޭޕްރީލު 2026
|
މައިންޑްކޯ އިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
"ގާލްސް އިން އައިސީޓީ" ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
2026 ވަނަ އަހަރުގެ "މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީ ދާއިރާގެ އަންހެން ކުދިންގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން، ޑިޖިޓަލް އިގްތިސާދުގެ ތެރޭގައި ހުރި ފުރުސަތުތައް އަންހެނުންނަށް ތައާރަފުކޮށް، އެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވުނު މި މަޝްވަރާ ބައްދަލުވުން އޮތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ބައްދަލުވުމަކީ، މައިންޑްކޯ އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކުގެ އިތުރުން އެކި ދާއިރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތަކަށް އަލިއަޅުވާލާފައިވެއެވެ.
މީގެ އިތުރުން، ދެވަނަ ފެނަލް ޑިސްކަޝަން ޚާއްސަ ކޮށްގެން ގޮސްފައިވަނީ، މިއަހަރުގެ ޝިއާރު "ތަރައްގީއަށް އޭ.އައި: ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި އަންހެން ކުދިން" މި މައުލޫއަށެވެ.
މި މަޝްވަރާގައި އަންހެނުން އިސްވެ ހިންގާ ޓެކްނޮލޮޖީ އިދާރާތަކާއި، ޑިޖިޓަލް އީޖާދުތަކުގެ ދާއިރާގެ އިސްވެރިންނާއި، ޑޭޓާ އަދި އޭ.އައި ފަންނުވެރިން މަޢޫލޫމާތު ހިއްސާކުރެއްވިއެވެ.
ޕެނަލްގައި ބައިވެރިވި ފަރާތްތަކުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އައު ޓެކްނޮލޮޖީތަކުގެ އެހީގައި އަންހެނުންނާއި އަންހެން ކުދިންނަށް ހުރި އަދު ފަހިވަމުންދާ ފުރުސަތުތަކާ ގުޅޭގޮތުން އަލިއަޅުވާލެއްވިއެވެ. އަދި މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރުތަކާއި، އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމުތަކާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައިވެއެވެ.
ބައްދަލުވުން ނިންމާލުމުގެ ގޮތުން ބައިވެރިންނަށް ޚިޔާލުފާޅުކުރުމަށް ހުޅުވާލެވުނު ސެގްމަންޓްގައި ޑިޖިޓަލް ދާއިރާއަށް ވަނުމާއި ކުރިއަށް ދިއުމުގައި އަންހެނުންނަށް ނުވަތަ އަންހެން ކުދިންނަށް ކުރިމަތިވާ ފަންނީ އަދި އެނޫން ހުރަސްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކޮށްފައިވެއެވެ.
މި މަޝްވަރާތަކުން ލިބުނު ހިޔާލުތަކާއި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް 2.0 ތަންފީޒުކުރުމުގަޔާއި، ޑިޖިޓަލް އިގްތިސާދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މައިންޑްކޯއިން ކަމާގުޅުންހުރި އެހެނިހެން މަސްލަހަތުވެރިންނާއި ގުޅިގެން އިތުރު ހަރަކާތްތައް ކުރިއަަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ބައްޓަންކުރުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ބޭނުންވާ ތަމްރީނާއި، އެހީތެރިކަމާއި، ބާރުވެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް މައިންޑްކޯއިން ޚާއްސަ މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރާނެ ކަމުގެ ޔަޤީންކަން ކުންފުނިން އަރުވައެވެ.