ENGLISH

10 އޭޕްރީލު 2025

Advertisement

ތަހުގީގަކަށް ފަހު ޕްރިމިއަރ ލީގުގެ ރެފްރީ ކޫޓް މަގާމުން ވަކިކޮށްފި

10 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޑޭވިޑް ކޫޓް. --ފޮޓޯ: ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގުގެ މެޗު ރެފްރީ، ޑޭވިޑް ކޫޓްގެ އަޚުލާޤީ މައްސަލަތަކާ ގުޅިގެން "ފުރިހަމަ ތަޙުޤީޤެއް" ހިންގުމަށްފަހު ރެފްރީންގެ މައި ޖަމްޢިއްޔާ ޕީޖީއެމްއޯއެލްއިން ރެފްރީކަމުން އޭނާ ވަކިކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ކޫޓްގެ މައްޗަށް ތުހުމަތުކުރެވުނު އަޚުލާޤީ މައްސަލަތަކާ ގުޅިގެން ތަހުގީގުތައް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ފަށައި، އޭރު އޭނާ ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.

ކޫޓްގެ މައްޗަށް ތަހުގީގު ހިންގަން ފެށީ، ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގެން ކްލޮޕްއާ ބެހޭގޮތުން ނޭދެވޭ ގޮތަކަށް ވާހަކަދައްކާ ކަމަށް ބުނެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

އަދި، އޭގެފަހުން މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔަ ދުވަސްވަރު އޭނާގެ ފަރާތުން ފެނިގެންދިޔަ އަޚުލާޤީ އިތުރު މައްސަލަތަކަކާ ގުޅޭ ފޮޓޯތަކެއް އިނގިރޭސި މީޑިއާގައި އާއްމުވެފައިވުމުގެ ސަބަބުން އިތުރު ތަހުގީގެއް ފެށުނެވެ.

މި މައްސަލަތަކާ ގުޅިގެން ކޫޓް މަގާމުން ވަކިކުރުމަށްފަހު ޕީޖީއެމްއޯއެލް އިން ބުނީ، ކޫޓްގެ އަމަލުތަކުގެ ސަބަބުން މަގާމު އިތުރަށް ދެމެހެއްޓޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"ޑޭވިޑް ކޫޓްގެ އަމަލުތަކުން ވަނީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގެ ޝަރުޠުތަކާ ވަރަށް ބޮޑަށް ޚިލާފުވެފައި ކަމަށް ފެނިފައި" ކަމަށް ޕީޖީއެމްއޯއެލްއިން ވަނީ ބުނެފައެވެ.

އަދި، މި ފަދަ ކަންކަމާ ދުރުވުމަށް ކޫޓް އަށް އެހީތެރިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި، އޭނާގެ ވެލްފެއާ އަށް އަދިވެސް ބޮޑު އަހައްމިޔަތެއް ދޭ ކަމަށް ވެސް ޕީޖީއެމްއޯއެލް އިން ބުނެފައިވެއެވެ.

ކޫޓް މަގާމުން ވަކިކޮށްފައިވުމުން އޭނާ އަށް އެ މައްސަލަ އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު