ENGLISH
10 އޭޕްރީލު 2025
އަނިޔާއަށް ފަހު އެލިސަން އެނބުރި ލިވަޕޫލް ސްކޮޑަށް
10 ޑިސެމްބަރު 2024
|
ލިވަޕޫލްގެ ކީޕަރު، އެލިސަން. --ފޮޓޯ: ސްކައިސްޕޯޓްސް
ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، ކުރިއަށް އޮތް މެޗުގައި އެ ޓީމުގެ ސްކޮޑުގައި ހިމެނިފައިވާތީވެ އެ މެޗުން އޭނާ ފެނިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 32 އަހަރުގެ އެލިސަން އަށް ކުރިމަތިވީ އަނިޔާއިން ރަނގަޅުވެ، ލިވަޕޫލް ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު، އާނެ ސްލޮޓްގެ އިތުރުން ޚުދު އެލިސަން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
"އެނބުރި އާދެވުމުން ވަރަށް އުފާވެއްޖެ،" ސޯޝަލް މީޑިއާގައި އެލިސަން ކުރި ޕޯސްޓެއްގައިވެއެވެ.
ލިވަޕޫލްގެ އިތުރުން ބްރެޒިލްގެ ގައުމީ ޓީމުގެ ވެސް އެއްވަނަ ގޯލްކީޕަރު ކަމަށްވާ، އެލިސަން އަށް އަނިޔާވީ މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވި މެޗުގައެވެ.
އެ މެޗުގައި އެލިސަން އަށް ލިބުނު އަނިޔާގެ ސަބަބުން މިދިޔަ ދެ މަހެއްހާ ދުވަހު 11 މެޗެއް ގެއްލިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ލިވަރޕޫލްގެ ގޯލްބެލެހެއްޓި ރިޕަބްލިކް އޮފް އަޔާލެންޑުގެ ކީޕަރު، ކެއޮއިމިން ކެލަހާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ކެލަހާ، ލިވަޕޫލަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
އެގޮތުން، ކެލަހާ ވަނީ ލިވަރޕޫލުން ކުޅުނު ފަސް މެޗެއްގައި ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ. އޭގެތެރޭގައި، ވާދަވެރި މެންޗެސްޓަރ ސިޓީ އާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެއެވެ.
ނަމަވެސް، މިދިޔަ ބުދަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޮކްސް ތެރެއަށް އައި ބޯޅައަކަށް ކެލަހާ އަށް ރަނގަޅަށް މަސައްކަތްކުރެވޭ ގޮތް ނުވުމުން ފަބިއެން ޝެއާ ވަނީ ލަނޑުޖަހައި، 3-3 އިން ލިވަރޕޫލާ އެއްވަރުކޮށްފައެވެ.
މީގެއިތުރުން، މިދިޔަ އޮކްޓޫބަރު މަހު މެޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޑިއޯގޯ ޖޮޓާ ވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ. އެކަމަކު، ޖިރޯނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ސްޕެއިނަށް ދަތުރުކުރި ސްކޮޑުގައި އޭނާ ނުހިމެނެއެވެ.
މިވަގުތު އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ ލީގު ފިޔަވަހީގެ އެއްވަނައިގައި އުޅެނީ ވެސް އެ ޓީމެވެ.