ENGLISH
10 އޭޕްރީލު 2025
ފިފްޕްރޯ އިން ހޮވާ އަހަރުގެ ޓީމުގައި ރެއާލްގެ ހަ ކުޅުންތެރިން ހިމެނިއްޖެ
10 ޑިސެމްބަރު 2024
|
ރެއާލްގެ ބައެއް ކުޅުންތެރިން. --ފޮޓޯ: ގެޓީ އިމޭޖަސް / ގޯލް.ކޮމް
ފިފްޕްރޯ އިން ހޮވާ އަހަރުގެ އެންމެ މޮޅު 11 ގައި ރެއާލް މެޑްރިޑްގެ ހަ ކުޅުންތެރިން ހިމެނިއްޖެއެވެ.
މި ފަހަރުގެ ޓީމުގައި އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނެ އެވެ. މި ޓީމުގައި ހިމެނުމަށް ޝޯޓްލިސްޓް ކުރެވުނު 26 ކުޅުންތެރިންގެ ތެރޭގައި މި ދެ ކުޅުންތެރިން ވެސް ހިމެނުނެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން މެސީ މި ޓީމުގައި ނުހިމެނި ދިޔަ ފުރަތަމަ ފަހަރު ވެސް މެއެވެ.
މި އަހަރުގެ ޓީމުގެ ފޯވާޑްލައިންގައި ހިމެނުނީ؛ މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑްގެ އިތުރުން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި ކުރިން ޕީއެސްޖީ އަށް ކުޅުމަށްފަހު މިހާރު ރެއާލަށް ބަދަލުވި ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ އެވެ.
ފިފްޕްރޯގެ 2024 ވަނަ އަހަރުގެ ގަދަ 11 ގައި ހިމެނުނު ރެއާލްގެ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަކީ މި ފަހަރު އެންމެ ގިނަ ވޯޓް ލިބުނު ކުޅުންތެރިޔާ އެވެ. އުމުރުން 21 އަހަރުގެ ބެލިންހަމް އަށް ވަނީ ގާތްގަނޑަކަށް 11،176 ވޯޓު ލިބިފައެވެ.
ފިފްޕްރޯ ޓީމުގައި ހިމެނުނު ކުޅުންތެރިން. --ފޮޓޯ: ފިފްޕްރޯ
ރެއާލްގެ ކުޅުންތެރިންގެ ތެރެއިން ބެލިންހަމް، ޑަނީ ކާވަހާލް، އެންޓޯނިއޯ ރުޑިގާ، ވިނީޝިއުސް އާއި ޓޯނީ ކްރޫސް ވަނީ އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ކްރޫސް ވަނީ ޔޫރޯ 2024 ގައި ޖަރުމަނަށް ކުޅުމަށްފަހު ރިޓަޔާކޮށްފައެވެ.
ފިފްޕްރޯ 11 ގައި ދެވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ހިމެނުނު ސިޓީގެ ހާލަންޑް، އެޑާސަން، ކެވިން ޑި ބްރޭނާ އަދި އެންމެ ފަހުގެ ބެލޮންޑިއޯ ހާސިލްކުރި ރޮޑްރީ ވަނީ އެ ޓީމާއެކު ވިދިވިދިގެން ހަތަރުވަނަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. މީގެތެރެއިން، ރެއާލްގެ ކާވަހާލް އާއި ސިޓީގެ ރޮޑްރީ ވަނީ ޔޫރޯ 2024 ގައި ސްޕެއިނަށް ޓްރޮފީ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
ލިވަރޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު، ވާޖިލް ވެން ޑައިކް އަކީ މި ޓީމުގައި ހިމެނޭ ޕްރިމިއަރ ލީގަށް ނިސްބަތްވާ ފަސްވަނަ ކުޅުންތެރިޔާއެވެ. އަދި، އޭނާ އަކީ މި ޓިމުގައި ހިމެނުނު ރެއާލާއި ސިޓީ ފިޔަވައި އެހެން ޓީމަކަށް ނިސްބަތްވި ހަމައެކަނި ކުޅުންތެރިޔާ ވެސް މެއެވެ.
މި ފަހަރުގެ ފިފްޕްރޯ 11 އެކުލަވާލާފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިގެންނެވެ.