ENGLISH
26 ފެބްރުއަރީ 2026
މާލޭގެ ސިއްހީ ކަންކަން ތަރުތީބުކުރުމުގައި މިހާރުގެ މޭޔަރުގެ އެއްބާރުލުން ނުލިބޭ: ހަލީމް
26 ފެބްރުއަރީ 2026
|
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
އެންމެ މަޤްބޫލު
ސަރުކާރުން މާލޭ ސަރަހައްދުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފުޅާކޮށް، މާލޭގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި މާލެ ސިޓީގެ މިހާރުގެ މޭޔަރުގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބޭކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
މިއަދު ޕީއެންސީން މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައްޔިތުން ވެރިޔަކު އިންތިހާބުކުރަނީ އެ ބޭފުޅަކު އިންތިހާބުގައި ރައްޔިތުންނަށް ހުށަހަޅުއްވާ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ކަމެއް ތަންފީޒުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް މެނިފެސްޓޯ ތަންފީޒުކޮށް އޭގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމުގައި އަތޮޅުތަކުގައި އަދި މާލެ ސިޓީ ފަދަ އާބާދީ ބޮޑެތި ރަށްރަށުގައިވެސް ކަައުންސިލުތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ ސިޓީތަކުގެ މޭޔަރުންނަށް ރައީސްގެ ތަސައްވުރު ގަބޫލުނުކުރައްވާ ބޭފުޅުން ތިއްބެވުމުން އެ ތަސައްވުރު ތަންފީޒުކުރެއްވުމުގައި ރައީސަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
މާލެ ސިޓީގެ ކައުންސިލަށް އަލިއަޅުވައިލައްވަމުން ހަލީމު ވިދާޅުވީ ކައުންސިލުގެ އަޣުލަބިއްޔަތު ޕީއެންސީއަށް އޮތް ނަމަވެސް، ކައުންސިލު ހިންގެވުމުގައި މޭޔަރުގެ ގިނަ އަދި ބޮޑެތި ބާރުތަކެއް ހުންނަ ކަމަށެވެ. މިސާލެއްގެ ގޮތުން ހަލީމު ފާހަގަކުރެއްވީ ކައުންސިލުގައި ހުންނަ ކޮމިޓީތަކުން މުހިއްމު ކަންކަން ނިންމުމަށްފަހު މޭޔަރާ ހަމައަށް ފޮނުވުމުން އެކަންކަން ތަންފީޒުނުކުރައްވައި ބަހައްޓަވާ ކަމެވެ.
"އަޅުގަނޑުމެންގެ ހިޔާލާ ނުވަތަ އުސޫލުތަކާއި ސިޔާސަަތުތަކާ ދެކޮޅު ބޭފުޅަކު މޭޔަރަކަށް ހުންނަވައިގެން މީތި ރަނގަޅަށް ކުރިއަށް ކަނޑާނެހެން ހީނުވޭ. އެއްވެސް ސިޔާސަތެއް ތަންފީޒުކުރެވޭނެހެން ހީނުވޭ،" ހަލީމު ވިދާޅުވިއެވެ.
ޕްރައިމަރީ ހެލްތު ކެއާއަކީ ކައުންސިލުގެ މައްޗަަށް ގާނޫނުން ލާޒިމުކުރާކަމެއް ކަމުގައިވާއިރު، މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ރައީސް އެކަމަށް މަސައްކަތްކުރެއްވިކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ މިއަދު އެ ހިދުމަތް ފުޅާކުރުމަށް ޖީޕީ ކްލިނިކުތައް ގާއިމުކުރުމަށް ކުރަމުންދާ މަަސައްކަތުގައި މިހާރުގެ މޭޔަރުގެ އެހީތެރިކަން ނުލިބޭ ކަމަށެވެ.
މިހާރުގެ މޭޔަރުގެ ފަރާތުން މާލޭގެ ސިއްހީ ހިދުމަތްތައް ފުޅާކޮށް އިތުރުކުރުމުގައި އެއްބާރުލުން ނުލިބޭކަމަށާއި، އަދި އެއިން ކަމެއްގައި މަޝްވަރާކުރުމަށް ބައްދަލުވެސް ކުރައްވާފައިނުވާކަމަަށް ވިދާޅުވެ ހަލީމު ފާހަގަކުރެއްވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް މަސައްކަތްކުރައްވާ ބޭފުޅަކު މޭޔަރު ކަމުގައި ހުންނަވާނަމަ، އެފަދަ ކަންކަން ހަލުއިކުރެވި ހިދުމަތްތައް އަވަސްކުރެވޭނެ ކަމަށެވެ.