ENGLISH

27 ފެބްރުއަރީ 2026

Advertisement

ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލަައިގަންނަކަމީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން: އާދަމް ޝަރީފު

26 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު

މިއަދު ލާމަރުކަޒީ ނިޒާމާމެދު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން އެ ނިޒާމު ބަލައިގަނެފައިވުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. 

 މިއަދު ފާހަގަކުރާ ލާމަރުކަޒީ ނިޒާމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފުވިތާ 15 އަހަރު ވެފައިވާއިރު އެ ނިޒާމު އެތައް ތަޖުރިބާއެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ނިޒާމު ވުޖޫދުވުމަށްފަހު ފުރަތަމަ މަރުޙަލާގައި ކުރިމަތިވި ގޮންޖެހުންތަކާމެދު މިއަދު ވިސްނާލުން މުހިއްމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރުވަނީ އެއިރު ރައްޔިތުން އެ ނިޒާމު ބަލައިގަތް މިންވަރާއި، އެ ނިޒާމުގެ ސަބަބުން ލިބޭނެ ކުރިއެރުންތަކާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އޮތީ ކިހައިވަރަކަށްތޯ ސުވާލު އުފައްދަވާފައެވެ. އަދި ލާމަރުކަޒީ ނިޒާމު ތައާރަފުވެގެން އައިއިރު އެ ނިޒާމު ހިންގުމަށްޓަކައި ގިނަ ޕާޓީ ހިމެނޭ ނިޒާމުގެ ތެރެއިން މީހުން ބިނާކުރެވިފައި ހުރިތޯވެސް ވަޒީރު ސުވާލު އުފެއްދެވިއެވެ. 

"ދައުލަތުގެ ހުރިހާ ވުޒާރާއެއް އަދި މުއައްސަސާއަކުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތްދޭ ނިޒާމު ކަމަށްވާއިރު މި ނިޒާމުގައި މަސައްކަތް ކުރުމުގައި ކައުންސިލުތަކަކީ ރަށްރަށުގައި ހުންނަ އެންމެ އިސް މުއައްސަސާ. ކައުންސިލްގެ ޚިދުމަތަކީ ރައްޔިތުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ދިރުވައި އާލާ ކުރުން" - މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

ލާމަރުކަޒީ ނިޒާމަކީ އޭގެ ތަބީއަތުގައި ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދެވޭނެ ނިޒާމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ނިޒާމުގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާއިރު، މި ނިޒާމުގައި ރަށްރަށުގައި ހުންނާނެ އެންމެ އިސް މުއައްސަސާއަކީ ކައުންސިލުތައްކަން ދައުލަތުގެ ވުޒާރާތަކާއި ހުރިހާ އިދާރާއަކުންވެސް ގަބޫލުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ކައުންސިލުތަކުގެ ދައުރަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ދޭ ހިދުމަތްތަައް ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދިނުމުގައި އެންމެ މުހިއްމު ބައިވެރިއެއްގެ ދައުރު އަދާކުރުންކަން ގަބޫލުކޮށް އެފިކުރު ރާއްޖޭގައި އާލާކޮށް ދިރުވަންޖެހޭ ކަމަށެވެ. 

ލާމަރުކަޒީ ނިޒާމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އޮތުން މުހިއްމުކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުންނާ ގާތުން، ރައްޔިތުން ބައިވެރިކޮށްގެން ވެރިކަން ހިންގެވުމުގެ ނަމޫނާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ ދައްކަވައިދެއްވަމުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ހުރިހާ ރަށަކަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި ހުރިހާ ކަމެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު