ENGLISH
26 ފެބްރުއަރީ 2026
ކިޔަންވީ "ޗާގޯސް" އެއް ނޫން، އެ ރަށްތަކަކީ "ފޯޅަަވަހި": ޑރ.ހަލީލު
26 ފެބްރުއަރީ 2026
|
ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު
އެންމެ މަޤްބޫލު
ރާއްޖޭގެ ދެކުނުން އޮންނަ އިނގިރޭސީންގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުތަކަށް ކިޔަންވީ "ޗާގޯސް" ނޫންކަމަށާއި، އެ ރަށްތަކަކީ ޒަމާނުއްސުރެ ދިވެހިން ކިޔަމުން އަންނަ ގޮތަށް "ފޯޅަވަހި"ކަމަށް ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ޑރ.ހަލީލު މިފަދައިން ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިޔާއިން ޗާގޯސް ނުވަތަ ފޯޅަވައްސާ ގުޅުންހުރި ހަބަރުތައް ލިޔުމުގައި ދިވެހި ނަމުގެ ބަދަލުގައި އިސްތިއުމާރުން އެ ސަރަހައްދަށް ދީފައި އޮތް ނަންކަމަށްވާ ޗާގޯސް ބޭނުންކުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ފޯޅަވަަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާމެދު ދިވެހިރާއްޖެއިން ރަސްމީކޮށް އިއުތިރާޒެއް އެ ގައުމަށް ހުށަހަޅާފައިވާކަަން އިއުލާނުކުރައްވާފައެވެ. އޭގެ ކުރިން ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް ސިޔާދީ ހައްގު އޮތްކަމަށް ރާއްޖެއިން ދެކޭކަން އިނގިރޭސި ސަރުކާރަށް ރަސްމީކޮށް އެންެގިކަން ރައީސްވަނީ ކުރިން ހާމަކުރައްވާފަައެވެ.
އިހުގެ ރަސްމީ ލިޔެކިޔުންތަކުން ރާއްޖޭގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި ފޯޅަވަހި ހިމަނާފައި އޮތްކަން ފެންނަަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފޯޅަވަހީގެ ރަށްތަކަކީ އެއިރާއި މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނުކުންނަ ސަރަހައްދާ ކައިރީ އޮންނަ އަތޮޅެއްކަން ފާހގަަަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ސިޔާދަތީ ގުޅުމެއް އޮތްކަން އެކި ގޮތްގޮތުން ސާބިތުވާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނިކޮށް އިނގިރޭސިވިލާތުގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ ސިޔާސީ ޕާޓީކަމުގައިވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖުވަނީ ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ރާއްޖެކަމަށް ވިދާޅުވެ، މޮރިޝަސްއަށް އެ ރަށްތައް ދިނުމަށްވުރެ ރާއްޖެއާ ހަވާލުކުރުން އައުލާކަމަށް އިނގިރޭސި ބަރުލަމާނުގައި ވަކާލާތުކުރައްވާފައެވެ.
ބަހަވީ ގޮތުން ބަލާނަމަ ރާއްޖޭގެ ގަދީމީ ލިޔެކިޔުންތަކުން އައްޑޫގެ ދެކުނުން އޮންނަ އަތޮޅަކަށް ފޯޅަވަހީގެ ނަމުން ދިވެހިން ނަން ކިޔާފައި އޮންނަކަން އެނގެއެވެ. އުތުރުން މަލިކުން ފެށިގެން ފޯޅަވައްސާ ދެމެދުގައިވާ ސަރަހައްދަކީ ރާއްޖޭގެ ގޮތުގައި އިހުގެ ލިޔެކިޔުންތަކުން ފެނެއެވެ. އަދި އެ ސަރަހައްދަށް ޗާގޯސްގެ ނަން ދިނީ ފަރަންސޭސީން އެ އަތޮޅު އިސްތިއުމާރުކުރުމަށްފަހުކަން އެނގެއެވެ.