ENGLISH
27 ފެބްރުއަރީ 2026
ރައްޔިތުންނާ ވޯޓާ ދުރުކުރާނަމަ އެމްޑީޕީގެ ނަމުން "ޑިމޮކްރެޓިކް" ކަނޑާލާ: ޝުޖާއު
26 ފެބްރުއަރީ 2026
|
މެމްބަރު ޝުޖާއު . ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ރައްޔިތުންނާ އިންތިޚާބުތައް ދުރުކޮށް ވޯޓާ ބީރައްޓެހި ބަޔަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވުމަކީ އެ ޕާޓީގެ ނަމުން "ޑިމޮކްރެޓިކް" ކަނޑާލަން ޖެހޭ ކަމެއް ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރު ވިދާޅުވެފައިވާ ހަބަރުގެ ސްކްރީން ޝޮޓަކާއެކު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ ތިން އިންތިހާބު އެއްކޮށް ބޭއްވުމަށް އެމްޑީޕީން އޭރު ތާއީދު ކުރި ކަމަށެވެ.
އަދި ތަރައްގީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ލަސްވަނީ އިންތިޚާބުތައް ވަކިވަކިން އޮތުމުން ކަމަށް ރައީސް ސޯލިހު އެދުވަހު ވިދާޅުވިކަމަށާއި، ރާގު ބަދަލުކުރަައްވައި، މިއަދު މި ވާހަކަތައް އެފުށް މިފުށަށް ޖައްސަވައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ދާކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިހާރު މިވާހަކަތައް ފޮރުވައި އެމްޑީޕީގެ ވިސްނުން އެހެން ދިމާއަކަށް ވަގުތީގޮތުން ގެންގޮސް، ރައްޔިތުންނަށް އޮޅުވާލައި ކުރިން ބުނި އެތި ކެންސަލް ކުރަން ކިތައްމެ އުޅުނަސް އެކަން ޕާޓީގެ އެތެރޭގައި އަދިވެސް އޮތީ ހަމަ އެގޮތަށެވެ. ރައްޔިތުންނާ އިންތިޚާބުތައް ދުރުކޮށް ވޯޓާ ބީރައްޓެހި ބަޔަކަށް އެމްޑީޕީ ވުމަކީ ޕާޓީގެ ނަމުގެ "ޑިމޮކްރެޓިކް" ކަނޑާލަން ޖެހޭ ކަމެއް ނޫންބާއެވެ؟." - ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝުޖާއު ވިދާޅުވީ ކޮންގްރެސް ޕާޓީން ތާއީދުކުރަނީ ހަ މަސް ދުވަހުގެ މެދުކެނޑުން ކުރުކޮށް ދައުރުގެ މެދުތެރެއިން ރައްޔިތުންގެ އަތަށް ވޯޓް ކަރުދާސް ދިނުމަށްފަހު ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުވާ މިންވަރު ރައްޔިތުންނަށް ޤަބޫލު ކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ފުރުޞަތު ފަހިކޮށް ދިނުން ކަމަށެވެ.
ރައްޔިތުން ވޯޓާ ދުރުކުރުމަށް ބާރު އަޅާ ބައެއްގެ ހީލަތްތެރި ވިސްނުމުގައި ރައްޔިތުން ނުޖެހުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުންކަމަށް ވާތީ އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ވޯޓުގައި މިކަމަށް ތާއީދު ކުރުމަށް ޝުޖާއު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވީ ހދ. ނޮޅިވަރަމުގައި އޮތް އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ތާއީދު ކުރައްވާފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ރާގު ބަދަލުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަން އެމްޑީޕީން ނިންމި ނިންމުމަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފަ އެވެ.