ENGLISH

27 ފެބްރުއަރީ 2026

Advertisement

މާލޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުރީ މޭޔަރުގެ މޭޒުމަތިގައި ޕާކުކޮށްފައި: އަރީޝް

26 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

މާލޭގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހުރީ މާލޭގެ މޭޔަރު އާދަމް އާޒިމުގެ މޭޒުމަތީގައި ޕާކުކޮށްފައި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ. 

ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 235 ވަނަ ރަސްމީ އާއްމު ޖަލްސާގައި މާލޭގެ ތަރައްގީގެ ދުވެލި މަޑުޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އަރީޝް ވިދާޅުވީ އާދަމް އާޒިމް މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ކަންކަން ބޮއްސުންލާން ފަށާފައި ވާކަމަށެވެ. 

މާލޭ ސިޓީ ކައުންސިލުން ނިންމާ ކަންކަމަކީ ޕީއެންސީ ކައުންސިލަރުންގެ ފުރިހަމަ ތާއީދާ އެކު ނިންމަމުންދާ ކަންކަން ކަމަށް އަރީޝް ވިދާޅުވި އެވެ. 

ޕީއެންސީގެ ކައުންސިލަރުން ބައިވެރި ނުކޮށް ސިޓީ ކައުންސިލުން ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު އެ ޕްރޮޖެކްޓުތަކުގެ ދުވެލި ވަރަށް ލަސް ކަން އަރީޝް ފާހަގަކުރެއްވި އެވެ. 

"ބާޖަމާލުއްދީން ކައިރީގައި އޮތް ޕާކާ މާލޭ ސިޓީ ކައުންސިލުން ހަދާ އޮފީސް އިމާރާތް. އަޅުގަނޑުމެން ނުބަލާތީ ޗައިނާ ބޮޑު ފާރަށް ވީހެން އެހާ ލަސްކޮށް މަސައްކަތް ދަނީ. އިބްރާހީމް މުހައްމަދު ސާލިހް ފެއްޓެވި ބުރިޖަށް އެއްގޮތަށް މަސައްކަތް ދަނީ. ދައުރު ފެށިގެން މޭޔަރު އާޒިމް މިތަނަށް ވަޑައިގަތް ދުވަހުން ފެށިގެން އަދި އަދަށްވެސް ނުނިމޭ ދެ މަސައްކަތް މިއީ." - މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާލޭގައި މިފަހުން އިފްތިތާހުކުރެވިގެންދިޔަ ބައެއް މަޝްރޫއުތަކަކީ ސީދާ ޕީއެންސީގެ ކައުންސިލަރުންގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދިޔަ ކަންތައްތަކެއްކަން ފާހަގަކުރައްވައި، އެ ކައުންސިލަރުންނަށް ދޭންވާ ހައްގު ކްރެޑިޓް ނުދޭތީ ވެސް އަރީޝް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

"އޭގެ ތެރެއިން މާފަންނުގައި ފެންބޮޑުވާތީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަކީ ސީދާ އަޅުގަނޑު ކައުންސިލު ފްލޯއަށް ހުށަހަޅާއިގެން ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް. އެކަން ފާސްވެގެންދިޔައީ ޕީއެންސީ ކައުންސިލަރުންގެ ފުލް ސަޕޯޓާ އެކުގައި. ދެން މިއަދު އެއީ ތިމަންނާމެން ކުރި ކަމެކޭ ކިޔާނެ ކަމެއް ނެތް." - މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

އަރީޝްގެ އެ ވާހަކަފުޅާއެކު މޭޔަރު އާޒިމް ވަނީ އަރީޝްގެ ވާހަކަފުޅު ހުއްޓުވައިލެއްވުމަށް މަސައްކަަތްކުރައްވާފައެވެ. ނަމަވެސް އަރީޝް ވިދާޅުވީ މިވަރަށް ކަންކަން ސާފުކޮށްދޭން ޖެހެނީ ޕީއެންސީ ކައުންސިލަރުންގެ އަގު ވައްޓާލަން އާޒިމް މަސައްކަތް ކުރައްވާތީ ކަމަށެވެ. 

ދާއިރާތަކުގެ މައްސަލަތައް ބެލުމަށްފަހު އެކަންކަން ހައްލުކުރަން ޕްލޭންތައް ހަދައި މޭޔަރަށް ފޮނުވުމުން، އެކަން ކުރީ ޕީއެންސީގެ ކައުންސިލަރުންނަށް ވާތީ އެ ޕްރޮޖެކްޓުތައް މޭޔަރުގެ މޭޒުމަތީގައި ޕާކު ކުރާކަމަށް އަރީޝް ތުހުމަތުކުރެއްވިއެވެ. 

"މިތާ ހުރި މަސައްކަތްތަކުގެ ކޮންސެޕްޓު ޑިޒައިން، ކާނިވާގައި ހުރި ހުރިހާ ބިންތަކުގެ ކޮންސެޕްޓު ޑިޒައިންތައް ކޮމެޓީ މަރުހަލާގައި ފާސްކޮށް ނިންމައި މޭޔަރުގެ މޭޒުމަތީގައި އޮންނަތާ ހަތް މަސް ނުވަތަ އަށް މަސް ވަނީ މި. އެއީ ކައުންސިލަރުން ކަންކަން ނުކުރާތީ ތޯ؟ " - މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

ކައުންސިލަރުން ކަންކަން ކުރާއިރު އެ ކަންކަން ތަންފީޒު ނުކޮށް އެބޭފުޅުންގެ އަބުރަށް ހުތުރުވާގޮތަށް އާޒިމް ވާހަކަ ނުދެއްކެވުމަށް ވެސް އަރީޝް ގޮވާލެއްވި އެވެ. 

އަރީޝްގެ ވާހަކަފުޅުތަކަށް އާޒިމް އިންކާރު ކުރެއްވުމުން އަރީޝް ވިދާޅުވީ އޭނާ އެ ވިދާޅުވާ ކަންކަމުގެ ހަގީގަތް ބެލުމަށް ކައުންސިލުގެ ލޭންޑް ކޮމިޓީ ބޭފުޅުންނާ ސުވާލުކުރުމަށެވެ. 

މާލޭގެ ތަރައްގީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތާއެކު މާލޭގެ މޭޔަރު އާޒިމާއި ޑެޕިއުޓީ މޭޔަރު އަރީޝްއާދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވުނު އިރު މާލޭގެ ކަންކަން ރަނގަޅުކޮށް މާލެއަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ސަރުކާރުގެ ޕްލޭންތަކަށް އާޒިމް އެއްބާރުލުން ނުދެއްވާ ވާހަކަތައް އަންނަނީ ފެންމަތިވަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު