ENGLISH

27 ފެބްރުއަރީ 2026

Advertisement

ފާއިތުވި އަހަރަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު؛ ސާފު ފައިދާ 2.5 ބިލިއަނުން މައްޗަށް

26 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ނިމުނު އަހަރަަކީ ބީއެމްއެލްއަށް މާލީ ގޮތުން ރެކޯޑު ކާމިޔާބެއް ލިބުނު އަހަރެއް

ނިމުނު އަަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބި، ބޭންކް އޮފް މޯލްޑިވްސްގެ ތާރީހުގައި އެ ބޭންކަށް ލިބުުނު އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރަކީ 2025 ވަނަ އަހަރުކަމަށް އެ ބޭންކުން ބުނެފިއެވެ. 

އެ ބޭންކުން ބުނެފައިވަނީ އެ ކުންފުންޏަށް 2025 ވަނަ އަހަރު ހާސިލުކުރެވުނު މާލީ ބޮޑު ކާމިޔާބކީ ވޭތުވި އަހަރު ބޭންކުން މާލީ ގޮތުން ހާސިލުކުރި ހަރުދަނާ ކުރިއެރުމާއި، ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ނަތީޖާ ކަމަށެވެ. 

ބީއެމްއެލްއިން ބުނި ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2025 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ 2024 ވަނަ އަހަރު ލިބުނު ފައިދާއަށްވުރެ 9.8 އިންސައްތަ އިތުރު މިންވަރެއް ކަމަށެވެ. އަދި ބޭންކުގެ ބެލެންސް ޝީޓަަށް އައ ބޮޑު ކުރިއެރުމައެކު، ބޭންކުގެ ޖުމްލަ އެސެޓުތައް 55.8 ބލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެފިއެވެ. 

ބޭންކުން ބުނެފައިވަނީ ނިމުނު އަހރު އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި ކޯޕަރޭޓު ކަސްޓަމަރުންނަށާއި، އިގުތިސާދީ މުހިއްމު ސިނާއަތްތައް ތަރައްގީކުރުމަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ޖުމްލަ ދިހަ ބިލިއަން ރުފިޔާ އަލަށް 2025 ވަނަ އަހަރު ދޫކޮށްފަައިވާ ކަމަަށެވެ. އަދި މި އަހަރަކީ ބޭންކުގެ މުޅި ތާރީހުގައި އެއް އަހަރެއްގައި އެންމެ ގިނަ ލޯނު ދޫކުރި އަހަރުކަންވެސް ބީއެމްއެލްއިން ފާހަގަކުރިއެވެ. 

އިތުރަށް ބޭންކަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ބީއެމްއެލްއިން ފާހަގަކުރީ 2025 ވަނަ އަހަރު އަލަށް 30،000 ކަސްޓަމަރުން ބޭންކުގެ ހިދުމަތް ހޯދަން ފެށުމެވެ. އެއާއެކު ކަސްޓަމަރުން ބޭންކުގައި ޑިޕޮސިޓުކުރި ފައިސާގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވި ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ. 

ބޭންކުގެ މާލީ ކާމިޔާބާ ގުޅިގެން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވީ، ފާއިތުވި އަހަރަކީ ބޭންކުގެ ތާރީހުގައި ވަރަށް މުހިއްމު އަަހަރެއްކަމށާއި، އެއީ މާލީ ކާމިޔާބުތައް ހާސިލުކުރުމާއެކު، މުޅި ގައުމަށް ހެޔޮ ރަނގަޅު ބަދަލުތައް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރުމުގެ ގާބިލުކަން ގައުމީ ބޭންކުގައި ހުރިކަން ސާބިތުވެގެންދިޔަ އަހަރެއް ކަމަށެވެ. 

" އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީހުގައިވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް. ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް." ޝަރީފު ވިދާޅުވިއެވެ. 

ބޭންކުގެ މުވައްޒަފުންގެ ބުރަ މަސައްކަަތާއި، ބޯޑުން ލިބެމުންދާ އިރުޝާދާއި ލަފާ ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމާއެކު، ބޭންކުން ހިދުމަތް ހޯދާ ފަރާތްތަކުން ބޭންކަށް ކުރާ އިތުބާރަށްޓަކައި އެ ފަރާތްތަކަަށްވެސް ޝަރީފު ޝުކުރު އަދާކުރެއްވިއެވެ. 

ބޭންކުން ބުނި ގޮތުގައި ނިމުނު އަހަރު ބޭންކަށް ހޯދުުނު އެންމެ ބޮޑު ކާމިޔަބަކީ ބޭންކުގެ އޭޓީއެމް ހިދުމަތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރެވުމެވެ. އަދި އެ ކާމިޔާބަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ސަމާލުކަން ލިބުނު ކާމިޔާބެއްކަން ފާހަގަކޮށް ބޭންކުން ބުނީ،  ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑް މި މަޝްރޫއާ ގުޅިގެން ބީއެމްއެލްއަށް ލިބުނު ކަމަށެވެ. 

ބޭންކުން ބުނެފައިވަނީ އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓައިޒްކުރުމުގެ މަސައްކަތް ހަލުއިކޮށްފައިވާކަމަށާއި، މިހާރު އެކައުންޓު ހުޅުވުމާއި، ލޯނަށް އެދި ހުށަހެޅުން ފަދަ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބެމުންދާނެ ކަމުގައެވެ. އަދި ސައްތައިން ސައްތަ ދިވެހިންގެ އުފެއްދުމެއް ކަމުގައިވާ ސްވައިޕް ވޮލެޓު ތައާރަފުކޮށްފައިވާކަން އެ ކުންފުނިން ކާމިޔާބުތަކުގެ ތެރޭގައި ފާހަގަކުރިއެވެ. 

ފާއިތުވި އަހަރު ބީއެމްއެލްއިންވަނީ ރާއްޖޭގެ ގައުމީ ތަރައްގީގައި މުހިއްމު ވަރަށް ގިނަ މަސައްކަތްތަކުގައި ޝާމިލުވެފައެވެ. ތަރައްގީގެ މުހިއްމު ބައެއް މަޝްރޫއުތަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފައިވާއިރު، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭ ނިޒާމު ގާއިމުކުރުމުގައި ބީއެމްއެލްގެ ދައުރު ވަރަށް ބޮޑެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭއިން ތައާރަފުކުރި އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން އެންމެ ފުރަތަމަ ފަހަރަށް ހައުސިން މަޝްރޫއެއް ހިންގުމަށް އިސްްނެގި ބޭންކަކީވެސް ބީއެމްއެލްއެވެ. އެގޮތުން މާލޭ ސަރަހައްދުގައި 3،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް މިހާރު ފަށާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު