ENGLISH
27 ފެބްރުއަރީ 2026
ފަހުދިހައިގައި ސަރުކާރު ބަންދުވާނީ މާރިޗު 9 އިން ފެށިގެން
26 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. ފޮޓޯ: ވޮއިސް
އެންމެ މަޤްބޫލު
އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު އާއްމުކުރި ދެންނެވުމުގައި ވަނީ، ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރަނީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ ކަމަށެވެ.
މިއީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުމުގައި ވެއެވެ.
ރަމަޟާން މަހުގެ ފަހުދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގައިފައެވެ.