ENGLISH
27 ފެބްރުއަރީ 2026
ސްޓްރޯކަށް ފަރުވާދެމުން އައި ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ
26 ފެބްރުއަރީ 2026
|
ސްޓްރޯކަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވި މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް. ފޮޓޯ: ސަން
އެންމެ މަޤްބޫލު
މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ސްޓްރޯކެއް ޖެހި ފަރުވާދެމުން އައި ފިލްމު ޑައިރެކްޓަރު އަހުމަދު ނިމާލް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
ނިމާލް މިއަދު ހެނދުނު ނިޔާވިކަން އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ސްޓްރޯކެއް ޖެހިގެން އުމުރުން 62 އަހަރުގެ ނިމާލަށް މިދިޔަ ދުވަސްތަކުގައި ފަރުވާދެމުން އައީ އައިޖީއެމްއެޗްގައެވެ. ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ. ނިމާލުގެ ހާލު ސީރިއަސްވުމުން މިދިޔަ ދުވަސްތަކުގައި ފަރުވާދިނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ނިމާލް ރާއްޖޭން ބޭރަށް ގެންދެވޭ ގޮތެއް ހޯދުމަށް ވެސް އާއިލާއިން މަސައްކަތްކުރިއެވެ. އެކަމަކު ހާލު ސީރިއަސްކަމުން އެކަން ކުރެވޭ ގޮތެއްނުވިއެވެ.
ނިމާލަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ފިލްމު އެކްޓަރެއް އަދި ޑައިރެކްޓަރެކެވެ. ރާއްޖޭގައި ފިލްމުތައް ސްކްރީންތަކަށް ނުކުންނަމުން ދިޔައިރު އެންމެ މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކުރެވުނީ ނިމާލެވެ. ފަހުން ޑައިރެކްޝަނުގައި ވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ނިމާލް ފިލްމީ ދާއިރާއަށް ތައާރަފްވީ 1984 ވަނަ އަހަރު ނުކުތް "ނުފޫޒު" ފިލްމުންނެވެ. އޭގެފަހުން 1986ގައި، އަސްލަމް ރަޝީދު ޕްރޮޑިއުސްކޮށް ޙުސައިން ރަމީޒު ޑައިރެކްޓް ކުރި ފިލްމު "މަޤްޞަދު" ގައި އެކްޓަރެއްގެ ބައި ނިމާލް ކުޅުނެވެ. އޭގެފަހުން، ޓީ.ވީ މޯލްޑިވްސްއިން ތައްޔާރުކުރި އެކިއެކި ޕްރޮގްރާމްތަކުން ވެސް ނިމާލް ވެނީ މަގުބޫލުކަން ހޯދައިފައެވެ.
ޓީ.ވީގައި ނިމާލް ތައްޔާރުކުރި ޕްރޮގްރާމްތަކުގެ ތެރޭގައި "މީ ކާކު؟" އާއި "ތަރިންގެ ވިދުވަރު" ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. ނިމާލްގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ މީހުންގެ ގާތުގައި އެންމެ މަޤްބޫލު ހުށަހެޅުމަކަށްވީ "ސަޅިބައިސާ" އެވެ.
ފިލްމީ ދާއިރާގައި ނިމާލް ކޮށްފައިވާ މަސައްކަތަށް 1991 ވަނަ އަހަރު ވަނީ އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިފައެވެ.