ENGLISH
27 ފެބްރުއަރީ 2026
ޤައިދީންނަށް ޚާއްސަކޮށްގެން "އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށައިފި
26 ފެބްރުއަރީ 2026
|
ޤައިދީންނަށް ޚާއްސަކޮށްގެން ދީނީ މައުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން-- ފޮޓޯ: ކަރެކްޝަނަލް ސަރވިސް
އެންމެ މަޤްބޫލު
މި ރަމަޟާން މަހު، މާފުށީ ޖަލާއި ހުޅުމާލެ ޖަލުގެ ޤައިދީންނަށް ޚާއްސަކޮށްގެން "އަވަސްވެގަންނާށެވެ! 1447" ޕްރޮގްރާމް ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މާފުށީ ޖަލުގެ 20 ފިރިހެން ޤައިދީންނާއި 34 އަންހެން ގައިދީންނެވެ. އަދި މީގެ އިތުރުން ހުޅުމާލެ ޖަލުގެ 47 ފިރިހެން ގައިދީން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ހަފްތާގެ މުއްދަތަކަށެވެ. މި ޕްރޮގާރާމްގައި މައިގަނޑު 6 މާއްދާ އާއި ހަރަކާތަތްތައް އެކުލެވޭނެއެވެ.
ކަރެކްޝަނުން ބުނީ، މި ޕްރޮގްރާމްގެ މަޤްޞަދަކީ ޤައިދީން ރަމަޟާން މަހަށް ފުރިހަމަ ގޮތުގައި އިސްތިޤްބާލު ކުރުވުމާއި، އެ މައްސަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ބާރުއެޅުމުގެ އިތުރުން އިސްލާމް ދީނާއި ކީރިތި ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ބާރު އެޅުވުން ކަމަށެވެ.
މި ޕްރޮގާމް މެދުވެރިކޮށް ބައިވެރިންނަށް އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމާއި އިސްލާމީ ރިވެތި ސިފަތަކާއި އުޞޫލުތަކާ އެއްގޮތަށް އަޚްލާގާއި ސުލޫކަށް ބަދަލުގެނައުމަށް ބާރުއަޅިގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ގައިދީންނަކީ ދުޅަހެޔޮ، މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަރެކްޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދީނީ ކަންތައްތަކަށް ހޭލުންތެރި ކުރުމުގެ އިތުރުން، ހުނަރުތައް ތަރައްޤީކުރުމުގެ ގިނަ ޕްރޮގްރާމްތަކެއްވެސް އެ ހިދުމަތުން އަންނަނީ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ހިންގަމުންނެވެ. މިގޮތުން ފާހަގަކޮށްލަންޖެހޭ ކަމަކީ، މިރޯދަ މަހު މުޅިން އަލަށް ޖަލު މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރަމުން އަންނަ ކަމެވެ.