ENGLISH
27 ފެބްރުއަރީ 2026
އުންމީދަކީ އިންތިހާބަށްފަހު ކައުންސިލުތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ހަރުދަނާވުން: ރައީސް
26 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފ.މަގޫދޫ ކައުންސިލާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އުންމީދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށްފަހު ކައުންސިލުތަކުގެ ދައުރާއި ވާޖިބު އަދާކުރުން މިހާރަށްވުރެ ހަރުދަނާވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާާޅުވެއްޖެއެވެ.
މިފަދައިން ރައީސް ވިދާާޅުވީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ އަޑުއަހަައިގެން ރައްޔިތުންނާ ގާަތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތް ދުވަހުން ދުވަހަށް ހަރުދަނާކުރެއްވުމާއެކު، ހުއްޓުމެއްނެތި އެ މަސައްކަތްކުރިއަށްގެންދެވުމުގެ އަޒުމު މިއަދު އައުކުރައްވާ ކަމަށެވެ.
އެއާއެކު، ރައީސްވަނީ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި، ލާމަރުކަޒީ ހިދުމަތުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ހިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.
ރައީސްް ވިދާޅުވި ގޮތުގައި ޖިއޮގްރަފީގެ ގޮތުން ދިވެހިރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމުގައިވާތީއާއެކު، އެންމެ އިހު ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ހިދުމަތްތައް ދެމުންއައީ ލާމަރުކަޒުކޮށްކަަން، ވޭތުވެދިޔަ ދުވަސްވަރު ކަންކަން ހިނގަމުންއައި ގޮތުންނާއި އިހުގެ ރަސްމީ ލިޔުންތަކަށް ބަލާއިރު އެނގެން އޮތް ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުޞަތު އިތުރަށް ވަނީ ފަހިވެފައި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުދުވަހު ލާމަރުކަޒީ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސްގެ ހިތާާބުގައި ވިދާޅުވިއެވެ.
ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަަށް ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމައި، ކައުންސިލުތަކުގެ މުވައްޒަަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ ކަންކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިކަންކަމާއި އިތުރަށްވެސް، ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުތަކުން އުންމީދުކުރަމުންއައި އެތައް ކަމެއް ހަގީގަތަކށް ވެފައިވެއެވެ.
ކައުންސިލްތަކަށް ވަސީލަތްތައް ފަހި، ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގައިފަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރަށްތަކުގެ ޞިއްޙީ، ތަޢުލީމީ އަދި މިނޫން އިޖުތިމާޢީ ޚިދުމަތްތައްވެސް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް، އޭ.ޓީ.އެމް.، ކޮންމެ އަތޮޅަކުން އައި.ޑީ ކާޑާއި ޕާސްޕޯޓު ހެދުން އެތައް ޒަމާނަކަށްފަހު އަޅުގަނޑުމެން ޙަޤީޤަތަކަށް ހަދައިދެއްވާފަައިވާ ކަމަށެވެ،.
" ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ޤާއިމުކުރުމުގައި އެންމެ ބޮޑު ކާމިޔާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން. ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފުރިހަމަކުރާނަން. މަގުހެދުން، ބަނދަރުހެދުން ފަދަ ޢުމްރާނީ އެންމެ ގިނަ މަޝްރޫޢު އެއްފަހަރާ މުޅި ރާއްޖޭގައި ހިނގަމުން ދާނީ މި ވޭތުވި ދެ އަހަރުގެ ތެރޭގަ،" ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ތަރައްގީގެ ވަށާޖެހޭ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހިޔާލު ސަރުކާރުން ހޯދާފައިވުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތއް ފަދަ ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ހުރިހާ ރަށެއްގައި އެކަންކަަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުޞަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދޅުވިއެވެ.
ރައީސް ހިތާބު ނިންމަަވައިލެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށްފަހު، ކައުންސިލުަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްގީއާއި ތަމައްދުން ގެނައުމުގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށްވެގެންދާނެ ކަމުގައި އުންމީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.