ENGLISH
11 އޭޕްރީލު 2025
ގޯލްޑް ކަޕް: އޭދަފުށި އަތުން މާފުއްޓަށް މޮޅެއް، ފުވައްމުލަކާއި ތިމަރަފުށި އެއްވަރުވެއްޖެ
10 ޑިސެމްބަރު 2024
|
އޭދަފުށި ކޮޅަށް ލަނޑުޖެހުމަށްފަހު މާފުށީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ބ. އޭދަފުށި އަތުން ކ. މާފުށި މޮޅުވިއިރު، ޏ. ފުވައްމުލަކާއި ތ. ތިމަރަފުށި ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާފުށިން ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުން އިއްބެ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި މާފުށިން ޖެހި ދެވަނަ ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިސްމާއިލް މަފާޒް އިބްރާހިމް އެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޕެނަލްޓީ އޭރިޔާ ބޭރުން މާފުށީގެ ކެޕްޓަން، އަހުމަދު އަބްދުއްސައްތާރަށް ކުރި ފައުލަކަށް އޭދަފުށީގެ ގޯލްކީޕަރު، އަލީ އަޖުފާން އަމްޖަދަށް ވަނީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، އޭދަފުށިން ބާކީބައި ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ތިމަރަފުށިން ލީޑު ނެގީ އާދަމް ނާސިހު (އާދަންނާ) ނަގައިދިން ކޯނަރަކުން އަލީ އިލްމާން ބޮލުން ވައްދާލި ލަނޑުންނެވެ.
ފުވައްމުލަކުން އެއްވަރުކުރި ލަނޑު، 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ. މިއީ އަރިމަތިން ތިމަރަފުށީގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު އޭރިޔާތެރެއަށް ވަނުމަށްފަހު ކޯފީ ކާމިޔާބުކުރި ގޯލެކެވެ.