ENGLISH
19 ފެބްރުއަރީ 2026
އިންތިހާބަކާ ނުލައި 69 ގޮނޑި ލިބުމަކީ ރައީސަށް ލިބުނު ބޮޑު ކާމިޔާބީއެއް، 80 އިންސައްތަ ކާމިޔާބުކުރުމަކީ އަމާޒެއް: އާދަމް ޝަރީފް
19 ފެބްރުއަރީ 2026
|
ވަޒީރު އާދަމް ޝަރީފް. ފޮޓޯ؛ ވުޒާރާ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ލިބިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި ޕާޓީގެ އަމާޒަކީ ކައުންސިލް އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔަބު ކުރުން ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ވަޒީރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ކަށަވަރުގެން ދިއުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މި ގޮނޑިތައް އިންތިހާބަކާ ނުލައި ސަރުކާރަށް ރައްޔިތުން ދިނީ ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދެވޭނީ ކޮންގްރެސް ޕާޓީގެ ފިކުރު ތަމްސީލު ކުރާ ބަޔަކު ތިބެގެންކަމަށް ރައްޔިތުން ގަބޫލުކުރާތީ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެ ކާމިޔާބީ އެ ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސްޕީޑަށް ބަލާއިރު އެންމެ ރަނގަޅަށް އެ ހިދުމަތް ފޯރުކޮށްދެވޭނީ ހަގީގީ މާނައިގައި ޕީއެންސީ ފިކުރުގެ ބަޔަކު ތިބެގެންކަމަށް ރައްޔިތުން ގަބޫލުކުރާ ކުރުން. މިއީ ހަމަ ރައީސަށް ލިބުނު ބޮޑު ކާމިޔާބީ އެއް. " - ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރެވިގެން ދާނެ ކަމަށެެވެ. ގާނޫނަށް ގެނެވެމުންދަ ބަދަލުތަކަކީ މުޅި ނިޒާމަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ގެނެވެމުންދާ ބަދަލުތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިންތިހާބަކާ ނުލައި 69 ގޮނޑި ކާމިޔާބު ވެގެން ދިއުމަކީ ރައީސަށް ލިބުނު ކާމިޔާބިއެއް ކަމަށާއި އަމާޒަކީ އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔާބުކުރުން ކަމަށް ވަޒީރު ވިދާޅުވީ އިރު ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ އެ އަތޮޅު ދިއްދޫ، ލ، މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑިވެސް ހިމެނެއެވެ.
ކޮންގްރެސް ޕާޓީއާ ވާދަކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް އިންތިހާބަކާ ނުލައި ލިބުނީ ހަ ގޮނޑި އެވެ.