ENGLISH
19 ފެބްރުއަރީ 2026
ބޮޑު މަގެއްގައި ތާރު އަޅައި ނިންމާލީ އެންމެ 68 ދުވަހުން، ރައްޔިތުންނަށް ބޮޑު ލުޔެއް!
19 ފެބްރުއަރީ 2026
|
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެސަރަޙައްދަށް ވަޑައިގެންނެވުން. ކުރު މުއްދަތެއްގައި އެ ސަރަޙައްދުގެ މަސައްކަތް ނިންމައި ވަނީ ހުޅުވާލާފައި. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކޮންމެ ރަމަޟާން މަހަކު ވެސް އެންމެ ކާރޫބާރޫ ބޮޑުވާ ސަރަހައްދަކީ މާލޭގެ ބާޒާރު މަތީ ސަރަހައްދެވެ. ދެ ފުރޮޅުލީ އުޅަނދުފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގައި އެތައް އިރަކު އެ ސަރަހައްދުގައި މަޑުކުރަން ޖެހި، ހިނގާބިނގާވާ މީހުންނަށް ވެސް އެކަމުގެ ސަބަބުން ދިޔައީ ދުއްތުރާތަކާ ކުރިމަތި ވަމުން ނެވެ.
ރަމަޟާންމަހާ ދިމާކޮށް މާލެއަށް އަންނަ މުދާ އުފުލާ ބޯޓުތަކުން މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރުމުގެ ސަބަބުން ވެސް އެސަރަހައްދުގެ ތޮއްޖެހުން އިތުރުވެގެން ދެއެވެ. ބޭރުމަގުގެ ބާރު ބޮޑުވެ ޖެހިގެން އޮންނަ ހަވީރީ ހިނގުން ނުވަތަ މަސްމާރުކޭޓު ފުރަގަހުން އޮންނަ މަގުވެސް ދިޔައީ ފުރެމުން ނެވެ. މި ރަމަޟާން މަސް އަންނަން ވާއިރަށް އެކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ ރައްޔިތުންނާ ކުރިމަތިވަމުންދިޔަ ތުރާލަށް ނިމުމެއް ގެނައުމުގެ މަގުސަދުގަ އެވެ.
މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާއެކު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
މާރުކޭޓު ސަރަހައްދުގައި މީހުން ހަރަކާތްތެރިވާ މަންޒަރު. ފޮޓޯ؛ ވަގުތު
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލީ ރަމަޟާން މަހަށެވެ. މި މަޝްރޫޢުގެ ދަށުން 254 މީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމުގެ އިތުރުން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރަށް ދަތުރުވެރިންގެ މާރުކޭޓާއި ބާޒާރުމަތީ ފިހާރަތަކާއި ދިމާލުން ސައިކަލު ޕާކު ކުރެވޭނެ ގޮތަށް ވަނީ ޑިޒައިންކޮށްފަ އެވެ.
ދުއިސައްތަ ދިހަ ދުވަހުގެ ތެރޭގައި ނިންމުމަށް 60.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކުރި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ތާރީހަށްވުރެ މާ ކުރިން ނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސް ވިދާޅުވީ، ބާޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަހައްދު، އެއީ އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓް ސަރަހައްދު ނޫނީ އިއްޒުއްދީން ފާލަމާއި ހަމައަށް ރޯދަ މަސް ނިމުމުގެ ކުރިން ނިންމޭތޯ ބަލަމުން އަންނަ ކަމަށެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިތާ 68 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، އެ ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ދެކޮޅަށް ދުއްވޭ މަގުތަކާއެކު، ޕާކިން އަށް ވަކި ސަރަހައްދެއް ވަނީ ހެދިފައި: ފޮޓޯ؛ ވަގުތު
މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދު، ބާޒަރުމަތީ މަގު ހެދުން ނިމުމާއެކު މި ރަމަޟާން މަހު އެސަރަހައްދުގެ ޓްރެފިކް މައްސަލައަށް ބޮޑު ލުޔެއް ވަނީ ލިބިގެން ގޮސްފަ އެވެ. މަގުމަތީގައި ގިނަ ވަގުތު މަޑުނުކޮށް ހިނގާބިނގާވެ އުޅެވޭނެ ތަނަވަސްކަން މަގުތަކަށް ވަނީ ލިބިފަ އެވެ. އަދި ދުއްވާ ތަކެއްޗަށް ފަސޭހަވެ، ޓްރެފިކްގައި ނުޖެހި ދުއްވޭނެ އަމާންކަން ވަނީ ލިބިގެން ގޮސްފަ އެވެ.
ކުރުގޮތަކަށް ބުނާނަމަ އެ ސަރަަހައްދުގައި ހަމަނޭވާ ލެވޭވަރު ސަރުކާރުގެ މަސައްކަތްތަކުން ކޮށްދީފި އެވެ. އެ ސަރަހައްދު ތަރައްގީކޮށް އާއްމުންނަށް ލިބެމުންދާ ފަސޭހަތަކުގެ ޝުޢޫރުތައް އެތައް ސަތޭކަ ރައްޔިތުންނެއް އަންނަނީ ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލަމުން ނެވެ.
މާލޭގެ ބޭރުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 1088 މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގު އިތުރަށް ފުޅާކުރުމަށް ބަނދަރު ތެރެއިން ހަ މީޓަރުގެ ސަރަހައްދެއް ހިއްކާ މަގުވަނީ ފުޅާކޮށްފަ އެވެ.