ENGLISH
17 ފެބްރުއަރީ 2026
ކައުންސިލު އިންތިހާބުގައި ކޮންގްރެސްއިން 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރާނެ؛ ފަލާހު
17 ފެބްރުއަރީ 2026
|
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ކޮންގްރެސް ޕާޓީގެ ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލްް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީއަށް 800 އާއި 900 އާ ދެމެދުގެ ގޮނޑި ކާމިޔާބުކުރެވޭނެކަމަށް ބެލެވޭކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މާފަންނުގެ ކައުންސިލު ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މާފަންނު ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފަލާހު ވިދާޅުވީ އެ ޕާޓީއަށް އޮތް ތާއީދު ފެންނަ އެއްކަމަކީ އިންތިހާބަކާ ނުލައި އެ ޕާޓީއަށް 69 ގޮނޑި ކާމިޔާބުކުރެވިފައިވުން ކަމަށެވެ.
ކުރިއަށް އޮތް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރެފައިވާ އަދަދުތައް ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މައިގަނޑު ގޮތެއްގައި ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންްކުރާ ކޮންގްރެސް ޕާޓީއާއި އިދިކޮޅު އެމްޑީޕީން ކަމަށެވެ. ކުދި ބައެއް ޕާޓީތަކަށް އެންމެ ކެންޑިޑޭޓަކު ނުނެރެވުނުކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ބޮޑު ދެ ޕާޓީ ފިޔަވައި އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީން ނެރުނީ 17 ކެންޑިޑޭޓުން ކަމެވެ.
އަދި ކޮންގްރެސް ޕާޓީއަށް އިންތިހާބަކާ ނުލައި ގިނަ ގޮނޑިތައް ލިބިފައިވުމާއެކު، ކެމްޕެއިނުގެ ކަންކަން ކުރިއަށްދާ ގޮތަށް ބައްލަވާއިރު މިހާރު މަސްެރަހު އޮތް ގޮތުން އެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް 1،350 ވަރަކަށް ގޮނޑީގެ ތެރެއިން މަދުވެގެން 800 އާއި 900 އާ ދެމެދުގެ ގޮނޑި ކާމިޔާބުވާނެ ކަމުގައި ފަލާހު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އިންތިހާބާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސަސީއަށް ގެނައި އިސްލާހާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުވެސް ކުރިއަށްގެންދާނެއެވެ.
ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމުގެ އިންތިހާބަށް 1،300 އަށްވުރެ ގިނަ ކެންޑިޑޭޓުން ނެރެފައިވާއިރު މިއީ ރާއްޖޭގެ ތާރީހުގައި އިންތިހާބަކަށް އެއް ޕާޓީއަކުން އެންމެ ގިނަ އަދަދަކަަށް ކެންޑިޑޭޓުން ނެރުނު ފަހަރެވެ.