ENGLISH
17 ފެބްރުއަރީ 2026
ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް މަރާމާތުކުރުމަށް އިމާރާތްތަކުގެ ހާލަތު ވަޒަންކުރަނީ
17 ފެބްރުއަރީ 2026
|
މާލެ ހިޔާ ފުލެޓުތައް، ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ގިނަ ދުވަސްވެ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ މާލެ ހިޔާ އަދި ސިނަމާލޭ ފުލެޓުތައް މަރާމާތުކުރުމަށްޓަކައި އެ އިމާރާތްތަކުގެ ހާލަތު ވަޒަންކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އިއްޔެ ސިނަމާލެ އަދި މާލެ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ފުލެޓުވެރިންވަނީ އެ ފުލެޓުތައް ބާވަމުންދާއިރު އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް އެތަންތަން ބެލެހެއްޓުން ހަވާލުވެފައިވާ މާލެ ސިޓީ ކައުންސިލުން ކުރިއަށްނުގެންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.
އަދި ކުލި ނުދެއްކި ލަސްވުމުން އަރާފައިވާ ޖޫރިމަނާތައް އިތުރުވުމާއި، ދިރިއުޅުމުގެ ރައްކާތެރިކަން ގެއްލޭ މިންވަރަށް އެ އިމާރާތްތައް ވީރާނާވެފައިވާތީ ފުލެޓުވެރިން ފާޅުކުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު، އެކަމުގައި އެޅުއްވުމަށް ކުރިން ނިންމަވާފައިވާ މުހިއްމު ނިންމެވުންތަކެއް ރައީސްވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ. އެގޮތުން، މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ އާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
އެގޮތުން، މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެ އެވެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ އެވެ.
ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ބައްދަލުވުމުގައި ފުލެޓުތަކުގެ ވެރިން ހިއްސާކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެތަންތަން ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށްވީ ނަމަަވެސް އެތަންތަން މަރާމާތުކުރުމަށްޓަކައި އެތަންތަނުގެ ހާލަތު ހުރި ގޮތް ވަޒަންކުރުމަށް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މި ފުލެޓުތަކުގެ ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވީ ޖަނަވަރީ ފަސްވަނަ ދުވަހުއެވެ. އަދި އެ މަހުގެ ހަތްވަނަ ދުވަހުގައި އެގޮތަށް ސަރުކާރުން ނިންމާފައިވާތީ އެކަން ތަންފީޒުކުރުމަށް ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާފައިވެއެވެ.